ENGLISH
17 ޖޫން 2025
ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް އިސްރާއީލުން ބޮން އަޅައިފި
16 ޖޫން 2025
|
އިސްރާއީލުން އީރާނަށް ދެމުންދާ ނިރުބަވެރި ޢުދުވާނުތަކުގެ ތެރެއިން، އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް ބޮން އަޅައިފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޓީވީ ސްޓޭޝަނަށް ޔަހޫދީން ބޮން އަޅާފައިވަނީ، ރޭގަނޑުގެ ޕްރޮގްރާމްތަކަށް މުވައްޒަފުން ތައްޔާރުވަމުންދަނިކޮށެވެ.
ބޮން އެޅި ވަގުތު، އެ ސްޓޭޝަންގެ ޕްރޮގްރާމެއް ވަގުތުން ދުރަށް ދައްކަމުންދިޔައެވެ. ބޮން އެޅުމާ އެކު މުޅި އިމާރާތް ގުޑައިގެންގޮސް، އެ ޕްރޮގްރާމް ހުށަހަޅައިދޭން އިން އީރާނުގެ ތަޖުރިބާކާރު ނިއުސްކާސްޓަރ ސަޙަރް އިމާމީ ސަލާމަތް ހޯދަން ދުއްވައިގަންނަ މަންޒަރު ފެނެއެވެ.
އެ ސްޓޭޝަނުން ބުނީ، ގިނަ ވައިގެ ޙަމަލާތަކެއް އެ ސްޓޭޝަން ހިންގާ އިމާރާތަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެ އިމާރާތުގައި ރޯވެ، އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހަތަރު ފަންގިފިލާގައި ހިމެނޭ އެ އިމާރާތުގައި، ޓީވީ ސްޓޭޝަން ހިންގަނީ އެންމެ މަތީ މަންގިފިލާގައެވެ. އަދި ދެން ހުރި ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ މުވައްޒަފުން މަސައްކަތް ކުރާކަމަށް އެކި މަސްދަރުތަކާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، އެ ޙަމަލާގައި މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވެއެވެ.