ENGLISH
17 ޖޫން 2025
މިއަށްވުރެ މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރަން ފުރުސަތު ލިބުނު ޒަމާނެއް މިނޫނީ ނުފެނޭ: މިނިސްޓަރު ނާޒިމް
16 ޖޫން 2025
|
ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޛިމް އިބްރާހިމް -- ފޮޓޯ: ކޮންގްރެސް ޕާޓީ
ސިޔާސީ ލީޑަރުންނަށް މިއަށްވުރެ މިނިވަންކަމާއެކު ތަންމިނަށް ސިޔާސީ މަސައްކަތް ކުރަން ފުރުސަތު ލިބުނު ޒަމާނެއް މިނޫނީ ފެނިފައި ނެތް ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޛިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މިރޭގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ފުރިހަމަ ޤައުމެއް ބިނާކުރެއްވުމުގެ ވިސްނުންފުޅުގައި ކަމަށެވެ.
އެމަނިކުފާނަކީ ބަދަލު ހިއްޕަވާ ސިޔާސީ ހައިޖާނުގަނޑެއްގެ ތެރެއަށް ރާއްޖެ ވައްޓާލައްވާނެ ލީޑަރެއް ނޫން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ސިޔާސީ މަސައްކަތް ކުރެއްވުމަށް ހުރިހާ ޕާޓީތަކާއި ލީޑަރުންނަށް އޮތް ފުރުސަތެވެ. މިހާ މިނިވަން ކަމާއެކު އެ މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބުނު ދައުރެއް ފެންނާން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
"ޤައުމެއް ބިނާކުރުމުގައި ސިޔާސީ ނިޒާމެއްގައި އެންމެ މުހިއްމީ ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވުން. ރާއްޖޭގެ މަލްޓި ޕާޓީ ސިޔާސީ ނިޒާމުގެ ތާރީޚުގައި އެ މިނިވަންކަން މިއަށްވުރެ ފުޅާކޮށް އޮތް ދައުރެއް ދެކެފައިނުވޭ," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިޔާސީ މައިދާނުން ކުރީން ފެންނަމުން ދިޔަ މަންޒަރާއި މިއަދު ފެންނަމުންދާ މަންޒަރު ތަފާތު ކަމަށެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މިއަދު ތިއްބެވީ ސިޔާސީ މަސައްކަތުގައި ކަމަށާ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ފުރިހަމަ މިނިވަން ކަމާއެކު ހުރިހާ ޕާޓީތަކަށް ވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ޖާގަ ދެއްވުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.
މިއީ އެހެން އެއްވެސް ދައުރެއްގައި ރައްޔިތުންނަށް ފެނުނު މަންޒަރެއް ނޫން ކަމަށް ތަކުރާރު ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ރާއްޖޭގައި ހަމަޖެހުން އޮތުން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އަމާން އުފާވެރި ރާއްޖެއަަކަށް ޤައުމު ބަދަލު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.