ENGLISH

21 ޖޫން 2026

Advertisement

އަންދާޒާކުރި އަދަދަށް ހިލޭ އެހީ ލިބިއްޖެ

21 ޖޫން 2026

|

އައިމިނަތު ޝަފާ

މާލީ ވުޒާރާ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިއްޖެއެވެ.

މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން އަންދާޒާއަށްވުރެ ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 5.3 އިންސައްތަ އިތުރުވެފައެވެ. 

ރިޕޯޓުގައިވާގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު އަދަދެކެވެ. 

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި މަމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ދެ ހާސް ފަންސަވީސް ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު