ENGLISH
21 ޖޫން 2026
އައިޔޫއެމްގެ މަނަދޫ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި
21 ޖޫން 2026
|
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ނ. މަނަދޫގައި ގާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކާ މަނަދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މަނަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހުސްނީ މުބާރަކް ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުއަކީ މަނަދޫގެ ޢުމްރާނީ އަދި ތަޢުލީމީ ތަރައްޤީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށާއި މި އިންގިލާބީ މުހިންމު މަޝްރޫޢުގެ ސަބަބުން ރަށުގައި ތިބެގެން މަނަދޫގެ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ރަނުގެ ފުރުޞަތު ފަހިވެގެންދާކަމީ މަނަދޫއަށް ނިޞްބަތްވާ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެކަމެއްކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި މަތީ ތަޢުލީމުގެ މިފަދަ މަޝްރޫޢުއަކީ ހަމައެކަނި ކޮންކްރީޓް ޢިމާރާތްތަކެއް ނޫންކަމަށާއި އެހެނެއްކަމަކު އެއީ މަނަދޫގެ އިތުރުން ކައިރީގައިވާ އެހެން ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރި ހެޔޮ މިޞްރާބަކަށް ގެންދިޔުމަށް ލިބޭނެ އެންމެ އަގުހުރި ފުރުޞަތުކަން ފާހަގަ ކުރެއްވިއެވެ. މި މަސްރޫޢުގެ ތައާރަފެއް ދެއްވީ އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދެވެ. މި މަޝްރޫޢުގެ ދަށުން:
ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެންމެ ފުރަތަމަ ކޮންކްރީޓް އޮއްސައިދެއްވީ ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކާއި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރާއި އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދެވެ. އޭގެ ފަހުން މަނަދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަނަދޫގެ ކަމުވޮށިވެގެންވާ އިސްރައްވެހިންވެސް ވަނީ ކޮންކްރީޓް އަޅަން ފެށުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.