ENGLISH
17 ޖޫން 2025
ހިތުހުރި ގޮތަކަށް ފައިސާ ޗާޕުކޮށް، ރަށްރަށާ ފަޅުތައް ވިއްކިދާނެ، އެކަން އެހެން ނުކުރަނީ ގައުމަށް ޚިޔާނާތްތެރިނުވާން: ސަލީމް
16 ޖޫން 2025
|
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު، ފޮޓޯ: ޕީއެންސީ
ހިތުހުރި ގޮތަކަށް ފައިސާ ޗާޕުކޮށް، ހުރި ހުރިހާ ރަށްރަށާ ފަޅުތައް ވެސް ވިއްކާލައިގެން ފައިސާ ހޯދިދާނެ ކަމަށާ އެހެން ނަމަވެސް މި ސަރުކާރުން އެކަންކަން ނުކުރަނީ އެއީ ގައުމަށް ޚިޔާނާތްތެރިވާން ބޭނުންނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ހައުސްގައި މިރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ފުން ވަޅުގަނޑު އެއްްވެސް މީހަކަށް އޮޅިފައިނުވާނެ ކަމަށް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ވެރިކަން ލިބުމުން އިދިކޮޅުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ ހަ މަސް ދުވަހުގެ ތެރޭގައި ވެރިކަން ފެއިލްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކަަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެމަނިކުފާނު އެ ގެންދަވަނީ އެމަނިކުފާނަށް މި ގައުމާމެދު ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވަމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދާ ހަމައަށްވެސް އެގެންދަވަނީ ލިބޭ އެއްޗަކުން، މާ ބޮޑެތި ދަރަނިތަކެއް ނެގުމެއްނެތި ހިފަހައްޓަމުން ކަމަށާ މިއަދު މުސާރަ ދޭކަށް ވިޔަފާރިވެރިން ގާތު ސަލާންޖަހާކަށް ނުޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
"މުސާރަވެސް މަހުން މަހަށް، ބަރާބަރަށް ދެމުންދަނީ. މީގެ ކުރީ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ އަތުން ފައިސާ ހޯދައިގެން މުސާރަ ދީފަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް މިހާ ދަތިހާލުގައި ގައުމު އޮތް އިރުވެސް، ހަމަ އެއްވެސް ފަރާތަކަށް ދިއުމެއްނެތި ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖައްސައިގެން މުސާރަޔާ އިނާޔަތްތައްދީ އެހެނިހެން ޚަރަދުވެސް ކުރަނީ. އެއީ އެމަނިކުފާނުގެ ކުޅަދާނަކަން. އާދައިގެ މީހަކަށް މިކަމެއް ނުވާނެ. މިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަންޖެހޭ. " - ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއަ ނަމަވެސް ޖެހިގެން އުޅޭ މައްސަލައަކީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ކުރިއަށް އޮތް އަހަރުތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް ނަގާފައި އޮތުން ކަމަށެވެ. ސަލީމް ވިދާޅުވީ އެ ދަރަނި ނުދައްކާ އިތުރު ކަންކަން ކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"މީހެއްގެ ސިކުނޑިން ވިސްނާލަބަލަ އެއް ބިލިއަން ޑޮލަރު އެއް އަހަރުން ދައްކާގޮތަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި މީހަކު ކުރާނެތޯ. މިއީ ހެޔޮނުވާވަރު ކަމެއްނު ކުރަން." - ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ އެއް އަހަރުން އެއް ބިލިއަން ދައްކައިފިނަމަ އެއީ ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ކަމަށެވެ. އޭގެ އިތުރުން މުސާރަޔާ އިނާޔަތްތަކަަށް 1.43 ހާ ބިލިޔަނެއް ހިނގާ ކަމަށާ އޭގެފަހުން ދެން ކުރާނެ އިތުރު ކަމެއް ނޯންނާނެކަން އެއީ ރަނގަޅަށް ވިސްނާ މީހަކަށް އެނގޭނެ ކަމެެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
ގައުމު އޮތީ އެހާވެސް ދަތިކަމެއްގައި ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މި ހުރިހާ ކަމަކާއެކު ވެސް ތަރައްގީގެ މަޝްރޫއުތައް ވެސް މަޑުޖެހުމެއްނެތި ކުރިއަށް ދާ ކަމަށެވެ. ސަލީމް ވިދާޅުވީ އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށާ އެކަންކަން ކުރަމުންދަނީ ދައުލަތުގެ ޚަރަދުތަކަށް ކަތާ މިންވަރެއް ބަލައިގެން ކަމަށެވެ.
ނުވާވަރުން ކަންކަން ކުރަން އުޅުމުގެ މިސާލު މިހާރުވެސް ފެންނަމުންދާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އެގޮތުން ދުވަހެއް ދުވަހަކަށް ދައުލަތުގެ ބަޖެޓު ބޮޑުކުރަން ޖެހުމާ، ނަގާ ދަރަނީގެ މިންވަރާ އަދަދު އިތުރުވުން ސަލީމް ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވީ މިކަން ކޮންމެވެސް ހިސާބަކުން މަޑުޖައްސަން ޖެހޭކަމަށެވެ. އެއީ އަންނަން އޮތް ޖީލަށްޓަކައި އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ ކަމެއްކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ފައިސާ ޗާޕު ކޮށް ނުވަތަ ރަށްރަށާ ފަޅުތައް ވިއްކާލައިގެން މި ސަރުކާރަށް ވެސް ފައިސާ ހޯދިދާނެ ކަމަށެވެ. ނަމަވެސް އޭގެ ނަތީޖާއަކަށް ވާނީ ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ގައުމަށް ޚިޔާނާތްތެރިވެ، ޣައްދާރުވުން ކަމަށެވެ. އާޚިރު ނަތީޖާއަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ފައިސާ ހޯދަން ބޭނުން ނުވަނީ އެހެން ވެގެން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
"މިހިސާބުން ވެސް އަޅުގަނޑުމެންނަށް ވެސް އެބައޮތޭ ފައިސާ ޗާޕުކުރެވެން ބޭނުންވަރަކަށް. ބޭރުން ބޭނުން ވަރަކަށް ލޯނު ނަގާފަ، މިތާ ހުރި ހުރިހާ ރަށްތަކެއް ނުއަގުގަ ވިއްކާލާފަ، ފައިސާ ހޯދާނެ ގޮތެއް ނޭންގިގެނެއް ނޫނޭ މިއުޅެނީ. ފައިސާ ހޯދާނެ ގޮތް އެނގޭ ބައިވަރު. ކިތައް ރަށް އެބައޮތްތޯ މިތާ. ގަންނާނެ ބައިވަރު އެބައޮތް. މީހުން އެބަތިބި ކުޑަކުޑަ އަގެއްގަ ވިއްކާލަން. އެހުރިހާ ރަށެއް މި ފަސް އަހަރުތެރޭ ވިއްކާލީމަ ޑރ. މުއިއްޒު ވެސް ހަމަޖެހިލައިގެން ހުންނާނެ. އޭރުން ފައިސާގެ އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިނުވާނެ. ޑޮލަރުގެ ދަތިކަމެއް ވެސް ނާންނާނެ." - ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
އެހެންކަމުން އެނގިހުރެ މިގައުމަށް ޚިޔާނާތްތެރި ނުވާނެ ކަމަށް ސަލީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މިހުރިހާ ކަމަކާ ކުރިމަތިލައްވަމުންދާ ހިތްވަރުގަދަ ރައީސަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. މިކަމަށްޓަކައި އެމަނިކުފާނަށް އެންމެން ވެސް ޝުކުރުވެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސްގެ އަޚުލާގަކީ މިހުރިހާ ކަމެއްގެ މޫ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ޚުލްގެއް ނެތް، އަޚުލާގެއް ނެތް މީހަކު ވެރިކަމުގައި ހުރެއްޖެނަމަ ގައުމަށް ވެގެންދާނެ ގޮތް މިދިޔަ އަހަރުތަކުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިއަދު މި ގައުމުގައި ފިތުނަ އުފެއްދުމާ ފަސާދަކުރުން އިންތިހާއަށް ގޮސްފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު ދެއްވެ، މީހުންގެ އަޚުލާގަށް ނުރަނގަޅު އެތައް ބަދަލެއް އައިސްފައިވާ އެންމެ ބޮޑު ސަބަބަކީ އަޚުލާގު ރަނގަޅު ވެރިންތަކެއް ގައުމާ ހަވާލުނުވުމުން ކަމަށެވެ. ނަމަވެސް މިއަދު މިގައުމުގައި ހުރީ ގައުމުގެ ހައްގުގައި މަސައްކަތްކުރަން ކެރޭ، ގައުމަށް ޚިޔާނާތްތެރި ނުވާނެ ޚުލްގުހެޔޮ ވެރިއެއް ކަމަށާ އެއީ ޑރ. މުއިއްޒު ކަމަށް ސަލީމް ވިދާޅުވިއެވެ.