ENGLISH
17 ޖޫން 2025
ސިނަމާލެ ބްރިޖަކީ ރާއްޖެ-ޗައިނާ އިންޖިނޭރުންގެ އަޖައިބުކުރަނިވި މަސައްކަތެއް: ސަފީރު
16 ޖޫން 2025
|
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް -- ފޮޓޯ: ޒިންހުއާ ނިއުސް
ރާއްޖޭގައި މިހާތަނަށް ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ އަޖަބުކުރަނިވި މަސައްކަތެއް ކަމަށް ވިދާޅުވެ, ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ ތަޢުރީފު ކުރައްވައިފި އެވެ.
އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހިއްސާ ކުރައްވާފަ އެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމަޖެއްސެވިކަން ފާހަަގަކޮށް ރައީސް އޮފީހުން އެ ޚަބަރު ހިއްސާކޮށް ކޮށްފައިވާ ޕޯސްޓް ރި-ޕޯސްޓް ކުރައްވާ ސަފީރު ވިދާޅުވީ މާލޭގެ ހެންވޭރުކޮޅުގައި މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ބަދަލެއް ގެނެވި ދިވެހީންގެ ދިރިއުޅުމަށް ބޮޑު ފަސޭހައަށް ލިބިގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ.
އަދި އެއީ އިންޖިނިއަރިންގެ ދާއިރާ އިން ހޯދުނު އަޖައިބެއް ފަދަ ބޮޑު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.
ސަފީރު އިތުރަށް ވިދާޅުވީ އިންޖިނޭރުން ކުރާ ހަމައެކަނި ކަމަކީ ބިނާރުތަކާއި ބޮޑެތި އިމާރާތްތައް ކުރުން ނޫން ކަމަށެވެ. އިންޖިނޭރުންނަކީ އިޤްތިސާދު ބަދަލުކޮށްލާ މިފަދަ މަޝްރޫޢުތައް ހަޤީޤަތަކަށް ހަދައިދީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހައާ ކުރިއެރުން ހޯދައިދޭ ބައެއް ކަމަށެވެ.
އިންޖިނޭރުންނަކީ އިޚްތިރާމާއި ފުރިހަމަ ޤަދަރު ޙައްގު ބައެއްކަން ފާހަގަ ކުރައްވާ ރައީސްގެ އެ ނިންމެވުމަށް ސަފީރު ވަނީ ތަޢުރީފު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ސިނަމާލެ ބްރިޖަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ އަޖަބުކުރަނިވި މަސައްކަތެއް ކަމަށެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމަޖެއްސެވީ އިއްޔެ އެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހު ކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ބަޔާންކުރައްވާފައިވެ އެވެ.
އަދި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ބަޔާންކުރައްވާފައިވެ އެވެ.