ENGLISH

01 ޖުލައި 2025

Advertisement

އިއްބެ: މެދު ނުކެނޑި ލޭ ހަދިޔާ ކުރާތާ 23 އަހަރު، އަދިވެސް ފޫހިކަމެއް ނެތް

15 ޖޫން 2025

|

މުރުޝިދު އަބްދުލް ޙަކީމް

މިއަދު ލޭ ހަދިޔާ ކުރަން އައިސް ހުރި އިބްރާހިމް ރަޝީދު(އިއްބެ)އަކީ އެކަމަށް އާ މީހެއް ނޫނެވެ. މިއީ އޭނާ ލޭ ހަދިޔާކުރި 52 ވަނަ ފަހަރެވެ.

މީގެ ތޭވީސް އަހަރުގެ ކުރީގެ ހަނދާންތަކާއެކު އިއްބެ ވަނީ އެމްއެމްޓީވީއާ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. ދެހާސްވަނަ އަހަރުގެ ކުރީކޮޅު ސްކޫލު ޓީޗަރެއްގެ ވަޒީފާގައި އުޅެމުން އެންމެ ފުރަތަމަ ލޭ ހަދިޔާކުރަން ބޭނުންވެގެން ދިޔަ ނަމަވެސް ބަރުދަން ހަމަނުވާތީ އޭނާއަށް ޖެހުނީ އަނބުރާ އަންނާށެވެ. ނަމަވެސް ލޭ ދެވޭތޯ އޭގެ ފަހުން އެކި ފަހަރު މަސައްކަތްކޮށްގެން ބަރުދަން ހަމަވެގެން ލޭ ދޭން ފެށި ގޮތަށް މިއަދާ ހަމައަށްވެސް ލޭ ނުދޭ އެންމެ އަހަރެއް ވެސް ނުދެ އެވެ.

"ލޭ ހަދިޔާކުރަން ޝައުގުވެރިކަން ހުރޭ ކުޑައިރު ސްކޫލްގައި އުުޅުނު އިރުވެސް. އޭރު ރޭޑިއޯ ހުންނަނީ، ރޭޑިއޯ ގޮވާނެ ލޭ ބޭނުންގެން. އެހެން ގޮވާއިރު ހިތައް އަރާ ކޮންމެވެސް ދުވަހަކު ލޭ ދޭނަމޭ. އޭގެ އަހަރެއް ފަހުން ލޭ ދެވެން ފެށުނީ. އެފަހުން އަދި އެންމެ އަހަރެއްވެސް މެދު ނުކެނޑޭ،" އިއްބެ ބުންޏެވެ.

އިއްބެ ހަމައެކަނި ލޭ ދެނީކީ ވެސް ނޫނެވެ. އަމިއްލަ އަށް ލޭ ދެމުން މީހުން ލޭ ދިނުމަށް މީހުން ހޭލުންތެރިކުރުމަށް ވެސް ފާއިތުވި އަހަރުތަކުގައި އެތައް މަސައްކަތެއް ކުރި އެވެ. މީހުން ލޭ ހަދިޔަކުރުމަށް ޝައުގުވެރިކުރުމަށާއި އެކަމަށް ހޭލުންތެރިކުރުމަށް އުފައްދާފައިވާ ޖަމިއްޔާ، މޯލްޑިވިއަން ބްލަޑް ޑޯނާސް ކިޔާ ޖަމިއްޔާގެ ތެރޭގައި އޭނާ ކުރި މަސައްްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެ ޖަމިއްޔާ މެދުވެރިކޮށް އެތައް ބައިވަރު ބްލަޑް ކޭމްޕެއް ބޭއްވި މީހުން އެކަމަށް ޝައުގުވެރިކުރެވުނުކަން އުފަލާއެކު އިއްބެ ފާހަގަކުރެ އެވެ.

"އޭރު އެހާ އާއްމު ކަމެއް ނޫން ޖަމިއްޔާތަކާއި، އެކި އެކި އޮފީސްތަކުން ބްލަޑް ކޭމްޕްތައް ބޭއްވުމަކީ. އެހެން ނަމަވެސް އަޅުގަނޑުމެން އޭރު ކުރި މަސައްކަތުން ރިސޯޓްތަކުންނާއި އެކި އެކި ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުންނާއި އެ ބޭފުޅުންގެ އަހަރީ ކަލަންޑަރުގައި ހިމަނައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތަކާއި ޕްރޮގުރާމްތައް ބާއްވަން ފެއްޓި. އޭގެ އިތުރުން ޖަމިއްޔާއިން ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އެކި ކޮންފަރެންސްތަކުގައި ބައިވެރިވެ މިކަމުގެ މައުލޫމާތުތައް ހޯދިން،" އިއްބެ ކިޔާދިނެވެ.

އިއްބެ އަކީ މީހުނަށް ލޭ ހޯދަދޭން މަސައްކަތްކުރާ މީހަކަށްވާއިރު އޭނާގެ ފޯނަށް އޭގެ މެސެޖެއް ނާންނަ ދުވަހެއް ނާދެ އެވެ. އެހެން ކަމުން އަދިވެސް ލޭ ދިނުމަށް މީހުންގެ ޝައުގުވެރިކަން ހުރި މިންވަރު އޭނާއަށް ވަރަށް ބޮަޑަށް އިހްސާސްކުރެވެ އެވެ.

އަމިއްލައަށް ލޭ ދެވޭ ވަގުތާއި، އަދި ލޭ ބޭނުންވާ މީހަކަށް ލޭ ހަދިޔާކުރާނެ މީހަކު ހޯދާ ދެވޭ ވަގުތު އެ ކުރެވޭ އިހްސާސަކީ އިއްބެ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތެއްކަން އޭނާ ފާހަގަކުރި އެވެ.

"ލޭ ދެވޭކަން ޔަގީންވާ ކޮންމެ ފަހަރަކީވެސް ވަރަށް އުފާވެރި އިހްސާސެއް ކޮށްލެވޭ ވަގުތެއް. ލޭ ނަގާފައި އެ ޕެކް ފުލްވެގެންދާ ވަގުތު ވަރަށް އުފާވެރި އިހްސާސެއް ކުރެވޭ ކޮންމެވެސް މީހަކަށް މި ލޭ ބޭނުން ކުރެވެނޭކަން އެނގުމުން. ދެން އޭގެ އިތުރަށް ލޭ ބޭނުން ވެގެން އަންނަ ރިކްއެސްޓަކަށް މީހަކު ހޯދާދެވުމުން އެމީހާ ދިންކަން ޔަގީންވުމުން ވަރަށް އުފާވެރި އިހްސާސެއް ކުރެވޭ،"

ލޭ ދިނުމަށް އޭނާ ދަނީ އަމިއްލައަށް ބޭނުންވެގެނެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ އިއްބެގެ އަޒުމަކީ ސިއްހަތު ސަލާމަތުންހުރެއްޖެ ނަމަ އެންމެ ފަހު ވަގުތާ ހަމައަށްވެސް ލޭ ހަދިޔާ ކުރުމުގައި ދެމިހުރުމެވެ. އޭނާ އެކަން ކުރަނީ ލޭ ދިނުމަކީ އެކަން ކުރެވޭ ކޮންމެ މީހަކު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް ދެކިގެނެވެ.

"ތެލެސީމިއާ ސެންޓަރަށް ލޭ ދޭ ނަމަވެސް އެއީ އެތަނުގައި ރަޖިސްޓްރީ ކޮށްގެން ތިބި ކުދިނަށް ވަރަށް ބޮޑު އެހީއެއް އެދެވުނީ. އޭނާއަށް ލޭ ނުދެވޭ ހާލަތުގައިވެސް އެހެން މީހަކަށް އެ މެސެޖު ފޯރުކޮށްދިނުމަކީ ފަރުދީ ޒިންމާއެއް ގޮތައް ވެސް ކުރަން ޖެހޭ ކަމެއް،"  

ކިޔުންތެރިންގެ ހިޔާލު