ENGLISH

26 ނޮވެމްބަރު 2024

ބަޖެޓު ބަހުސް މިއަދު ނިންމަނީ

19 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

 އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ މިއަދު ނިންމާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް މިއަދު ފުރުސަތު ދެއްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓުގެ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުން މި ބަޖެޓު ސިފަކުރައްވަނީ ޒިންމާދާރު ބަޖެޓެއްގެ ގޮތުގައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓެވެ.

ބަޖެޓުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 39.7 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު