ENGLISH

15 ޖޫން 2025

Advertisement

ވެއްޓުނު އިންޑިއާ ބޯޓަށް މި މީހާއަށް ނޭރުނީ ޓްރެފިކުގައި ޖެހި 10 މިނިޓް ލަސްވުމުން

14 ޖޫން 2025

|

ހަސަން އާމިރު

ލަންޑަނަށް ދިއުމަށްޓަކައި އިންޑިއާގެ އަހުމަދުއާބާދުން ބުރާސްފަތި ދުވަހު ފުރި ފަހުން ވެއްޓުނު، އެއާ އިންޑިއާގެ ބޯޓަށް ނޭރުނީ ޓްރެފިކުގައި ޖެހި 10 މިނިޓް ލަސްވުމުން ކަމަށް އެ ބޯޓުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ކަމަށްވާ ބޫމީ ޗައުހާން ބުނެފި އެވެ.

އިންގްލޭންޑުގެ ބްރިސްޓޯލްގައި ދިރިއުޅޭ އަދި ވިޔަފާރީގެ ދާއިރާ އިން ކިޔަވަމުން އަންނަ ޗައުހާން އިންޑިއާ އަށް ޒިޔާރަތްކުރީ ޗުއްޓީއެެއްގައި އޭނާއާގެ އާއިލާއާ ބައްދަލު ކުރުމަށެވެ. ޗައުހާންގެ ފިރިމީހާ ވެސް ދިރިއުޅެނީ ބްރިސްޓޯލްގަ އެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި171 ވެއްޓިފައި ވަނީ އަހުމަދުއާބާދު އެއާޕޯޓުން ފުރިތާ 30 ސިކުންތުގެ ތެރޭގަ އެވެ. ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރޭން ސަލާމަތްވީ އެންމެ މީހެކެވެ. ބޯޓު ވެއްޓުނު ޑޮކްޓަރުންގެ ހޮސްޓެލް އިމާރާތް ހިމެނޭ ސަރަހައްދުން ވެސް ވަނީ އަށް މީހުން މަރުވެފަ އެވެ.

އަހުމަދުއާބާދުގެ މަގުތަކުގެ ޓްރެފިކުގައި ޖެހި އުމުރުން 28 އަހަރުގެ ޗައުހާން އަށް އެއާޕޯޓަށް ދެވުނީ ޗެކިން ކައުންޓަރު ބަންދުކުރިތާ 10 މިނިޓް ފަހުންނެވެ. އޭރު އޭނާ ވަނީ އޮންލައިން ޗެކިން ވެސް ހަދައިފަ އެވެ. އޭނާގެ ސީޓް ނަމްބަރަކީ 36ޖީ އެވެ. ނަމަވެސް އެއާލައިނުގެ ސްޓާފަކު ވަނީ ޗައުހާން އެއާޕޯޓަށް ވައްދަން ދެކޮޅު ހަދައިފަ އެވެ.

"އަޅުގަނޑު ވަރަށް ރުޅިވެސް އައި، ޑްރައިވަރާއި އެއާޕޯޓުގެ ސްޓާފް ދެކެ. އެއާޕޯޓުން ނުކުމެގެން އަހަރެން ދިޔައީ އެއްޗެއް ބޯލަން. އެތަނުގައި ތިބެ އަހަރެމެން ވާހަކަ ދައްކަމުން ދިޔައީ ޓިކެޓުގެ ރިފަންޑް ހޯދޭނެ ގޮތަކާ މެދު އެއާލައިން އެޖެންޓާ ވާހަކަ ދެއްކުމަށް،" ޗައުހާން ބުންޏެވެ.

"ދެން އަހަރެންނަށް ކުއްލިއަކަށް ލިބުނީ ފޯން ކޯލެއް، އެ ބޯޓު ވެއްޓިއްޖެ ކަމަށް."

ޗައުހާން ބުނީ އޭނާ ސަލާމަތްވުމަކީ "މުޢުޖިޒާތެއް" ފަދަ ކަމެއް ކަމަށެވެ.

ޗައުހާން އެއާޕޯޓާ ހަމައަށް ދެވުނީ އޭނާގެ ގެއިން ފެށިގެން 201 ކިލޯމީޓަރު (125މޭލު) ދުއްވައިފަ އެވެ.

ޗައުހާން ބުނީ އެއާޕޯޓަށް ލަހުން ދެވުމުން އޭނާގެ ވިސްނުމަށް ފުރަތަމަ ވެސް އައީ ތަންކޮޅެއް ކުރިން ގެއިން ނައްޓާލެވުނު ނަމަ ކިހާ ރަނގަޅުވީސް ކަމަށެވެ. އެހެންވި ނަމަ ބޯޑް ކުރެވުނީސް ކަމަށް ހިތަށް އެރި ކަމަށް ޗައުހާން ބުންޏެވެ.

"އެއާލައިން ސްޓާފުން ކައިރިން ވެސް ވަރަށް އާދޭސް ކުރިން އެތެރެއަށް ވައްދައިދިނުމަށް. އަހަރެން ބުނިން އެންމެ 10 މިނިޓެއް ނޫންހޭ ލަސްވީ. އޮންލައިންކޮށް ޗެކިން ވެސް ކޮށްފައޭ ވަނީ. އެކަމަކު އެ މީހުން އެއްބަހެއް ނުވި،" ޗައުހާން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު