ENGLISH
24 ޖޫން 2025
ފަރީދުގެ ފަހުގެ ޒިޔާރަތް ގާފަރަށް: މިދިޔަ އީދު ނަމާދާއި ހުކުރު އިމާމްވެ ކުރެއްވި، ޚުތުބާ ދެއްވީ ނުބަލާ
10 ޖޫން 2025
|
ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަވަހާރަވުމާއެކު ކުއްލި ސިހުމާކާ ފުން ހިތާމައެއް އެންމެ ބޮޑަށް ގެނުވީ ކ. ގާފަރަށެވެ. އެއީ އޭގެ ދެ ދުވަސް ކުރިން ފަރީދުގެ ދީނީ ހިދުމަތް އެންމެ ބޮޑަށް ލިބިގެންދިޔައީ އެރަށް ކަމަށްވުމެވެ. ނިމިދިޔަ ބޮޑު އީދު ނަމާދާއި ހުކުރު ނަމާދު އިމާމުވެ ގާފަރުގައި ކުރެެއްވީ އޭނާ އެވެ. ނުބަލާ ހުުތުބާ ކިޔުމުގެ ހުއްދަވެސް ލިބިވަޑައިގެންފައިވާ ފަރީދު އެ ދެ ނަމާދުގައި ވެސް ހުތުބާ ދެއްވީ ނުބަލަ އެވެ. އޭގެ ކުރިން ހައްޖު ދުވަހު މިސްކިތު ދަރުވެސް އެރަށުގައި ދެއްވީ އޭނާ އެވެ. އެހެންކަމުން ޝެއިޚު ފަރީދުގެ އެ ވަކިވުން ވެގެން ދިޔައީ ގާފަރުގެ ކޮންމެ މީހަކަށް ވެސް އެންމެ ފަހު ހަނދާންތަކާއެކު ފުން އަސަރެއް ކުރުވި ކަމަކަށެވެ.
ފަރީދުގެ ދީނީ އިލްމުގެ ފައިދާ ގާފަރަށް ކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ ކުރިން ވެސް އެރަށަށް ހާއްސަ އިސްކަމެއް އޭނާ ދެއްވި އެވެ. ފަރީދު ވަކިވުމާއެކު ގާފަރު ކައުންސިލުން އާއްމުކުރި ތައުޒިޔާގެ މެސެޖުން މިކަން ސާފުކޮށް އެނގެ އެވެ. ގާފަރު ކައުންސިލުގެ ތައުޒިޔާގެ މެސެޖުގައި ފަރީދުގެ ދީނީ ދަޢުވަތު ފެތުރެއްވުމުގެ ތެރޭގައި އެރަށާމެދު ހާއްސަ ގާތްކަމެެއް ގެންގުޅުއްވިކަމާއި އެގޮތުން ދީނީ އެތައް ދަރުސްތައް އެރަށުގައި ދެެއްވިކަން ފާހަގަކޮށްފައިވެ އެވެ.
ފަރީދުގެ އުފަން ރަށް ނޫން ނަމަވެސް އޭނާ އެ ރަށާމެދު ބެހެއްޓެވި ގާތްކަމާއި އަދި ދެއްވި ދީނީ ދަރުސްތަކުގެ ސަބަބުން އެރަށުގެ އެތައް ބައެއްގެ ހިތްތަކުގައި ފަރީދުއާ މެދު ހާއްސަ ލޯތްބަކާ ގަދަރެއް ވަނީ ދެވިފަ އެވެ.
ޝެއިޚު ފަރީދުގެ އެންމެ ފަހުގެ ހަނދާންތަކާއެކު ގާފަރުގެ އެތައް ބަޔަކު ވަނީ މީސްމީޑިޔާގައި ތައުޒިޔާގެ މެސެޖާއެކު ހެޔޮދުޢާ ކޮށްފަ އެވެ.
ޝެއިޚު އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް އިއްޔެ އަވަހާރަވީ މެލޭޝިއާ އެއާޕޯޓުގައެވެ. އެނގިފައިވާ ގޮތުގައި ޝެއިޚު މެލޭޝިއާއަށް ވަޑައިގެންނެވީ މެލޭޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.