ENGLISH

01 ޖުލައި 2025

Advertisement

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަނު ކުރައްވައިފި

10 ޖޫން 2025

|

ހަސަން އާމިރު

ޕޮލިސް ކޮމިޝަނަރގެ މަގާމަށް އިސްމާޢީލް ނަވީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާ ޕޮލިސް ކޮމިޝަނަރގެ މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާ ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ވަނީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އަޙުމަދު ޝަމީމް ކުރިމަތިލައްވައިފަ އެވެ. މި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށް ފަހު ނިންމާފައި ވަނީ ތިން ބޭފުޅުން ވެސް ޝަރުތު ފުރިހަމަވާ ކަމަށެވެ.

ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ހޯމް މިނިސްޓަރގެ ލަފާގެ މަތިންނެވެ. ހޯމް މިނިސްޓަރ، ރައީސް އަށް ލަފާ އަރުވާނީ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށް ފަހު ހުށަހަޅާ ރިޕޯޓް ދިރާސާ ކުރުމަށް ފަހު އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު