ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ރައުދުގެ މައްޗަށް ދަޢުވާކޮށްފި

10 ޖޫން 2025

|

ޢަލީ ޝަހީމް

ރައުދު އަޙްމަދު ޛިލާލް

އޭޕްރީލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅައިފިއެވެ. 

ރައުދުގެ މައްޗަށް ދަޢުވާ ކުރަނީ މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 04:54 ހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ. 

"18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް 4 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ" ޕީޖީ އޮފީހުން މިއަދު އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ. 

ރައުދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ. 

ރައުދުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

ރައުދުއަށް ތުޙުމަތުކުރާ މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ މެއި 27 ވަނަ ދުވަހެވެ. އެދުވަހު ރައުދު ދޫކޮށްލީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދުދީފައިވާތީއެވެ. 

ޕީޖީ އޮފީހުން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫން ކަމަށާއި، ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށެވެ. އަދި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނީ ޙައްވާ ޔުމްނު ރަޝީދެވެ. 

ރައުދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެ ހާދިސާގައި ދެން ހިމެނޭ ޔުމްނުގެ ބަޔާނެއް އަދި ނެގޭ ގޮތެއް ނުވެ އެވެ. ފުލުހުން ބުނީ ޔުމްނުގެ އާއިލާގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު