ENGLISH

05 ޖުލައި 2025

Advertisement

ދައުލަތުގެ ބެލުމު ދަށުގައި ތިބި ކުދިން ހިދުމަތްތެރި ޒުވާނުންތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް

09 ޖޫން 2025

|

ޝިފްޒާން އަޙްމަދު

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު، ފޮޓޯ: ސްކްރީން ޝޮޓް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ޚިދުމަތްތެރި ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި އިޖުމާއީ އަަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ވުޒާރާގެ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަަށުގައި މިވަގުތު 160 އެއްހައި ކުދިން އެބަތިބި ކަމަށެވެ. އަދި އެކުދިން ބޮޑުވަމުންދާ ވަރަކަށް މަސައްކަތްތެރި ހިދުމަތްތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް އެ ވުޒާރާއިން ކުރަމުން އަންނަ ކަމަށެވެ. 

އެކުދިންގެ ކަންކަން ބެލެހެއްޓުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ޕްރޮގުރާމުގެ ތެރެއިން ނަގައިގެ އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމުގައި އާއްމުންގެ ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން 75 ކުދިން އަމިއްލަ އާއިލާ ނުވަތަ އައު ބައެއްގެ އާއިލާއާ ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ މުޖުތަމައުގައި އަނބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގުފަހިކުރުމަށްޓަކައި އެކުދިން ބާރުވެރިކުރުވުމުގެ މަސައްކަަތްކުރުމަށް ވުޒާރާގައި ވަކި ޑިޕާޓުމެންޓެއް މިހާރު އުފައްދާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމްޕަވަމެންޓް އެންޑް އެމްޕްލޯއިމެންޓުގެ ނަމުގައި ގާއިމުކުރި ޑިޕާޓުމެންޓުގެ މަސައްކަތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ޝައުގުވެރިވާ ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން ކުރިއަށްދިއުމަށް އެ ކުދިންނަށް ބޭނުންވާ ހުނަރުތައް ލިއްބައިދިނުމުގެ މަސައްކަތެވެ. 

"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް 14 ވަރަކަށް އަހަރުވާއިރަށް އެ ކުދިން ކުރަން ބޭނުންވަނީ ކޮން ކަހަލަ މަސައްކަތެއްތޯ ކުރަން ބޭނުންވަނީ، ކޮންކަހަލަ ކަމެއްތޯ ކުރަން ބޭނުންވަނީ ބަލައިގެން އެކުއްޖަކާ ގުޅޭ ދާއިރާއަކުން މިހާރު ތަމްރީނުތައް އެބަ ފޯރުކޮށްދެވޭ.،" މިނިސްޓަރު ވިދާޅުވިއެވެ. 

އެގޮތުން ވޯޓާ ސްޕޯޓްސް އަދި ޑައިވިން ފަދަ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ ކުދިންނަށް 18 އަހަރުވުމުގެ ކުރިން އެ ދާއިރާތަކުން ތަމްރީނު ލިބޭ ފަދަ ތަނަކަށް ބަދަލުކޮށް އެތަނުގައި ހުރެގެން އެ ދާއިރާއިން ސެޓިފިކޭޝަން ހާސިލުކުރެވޭނެ މަގުފަހިކޮށްދެމުންދާކަމަަށް ވަޒީރު ވިދާޅުވިއެވެ. 

އަދި އާއިލާތަކާއެކު ކުރަމުންދާ މަސައްކަތް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކުދިން ބަލަހައްޓާ އާއިލާތަކާއެކު އެކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އާއިލާތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު