ENGLISH
05 ޖުލައި 2025
ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް ފަށަނީ
09 ޖޫން 2025
|
ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ފޮޓޯ: ސްކްރީން ޝޮޓް
ދިވެހިރާއްޖޭގެ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް ތަރިކައާ ބެހޭ ގައުމީ މަރުކަޒުން ފެށުމަށް ތައްޔާރުވަމުންދާކަން ދިވެހި ބަހާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތަރިކައާ ބެހޭ ގައުމީ މަރުކަޒާއި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ މައިގަނޑު މަސައްކަތަކީ ގައުމީ ތަރިކަތައް ރައްކާތެރިކޮށް ދިރާސާކޮށް އެކަންކަން ހިމާޔަތްކުރުމާ ގުޅޭ އޮނިގަނޑުތައް އެކުލަވައިލުން ކަމަށެވެ.
އަދި ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ދާއިރާއިން މުހިއްމު ދެ ކަމެއްގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އެ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެއިން އެއްކަމަކީ ދުވަސްވީ މީހުންގެ ހަނދާންތައް ނުވަތަ އަނގައިން ވާރުތަވަމުން އައިސްފައިވާ ތާރީހު ރައްކާތެރިކޮށް ރެކޯޑުކުރުމުގެ މަސައްކަތެވެ.
ދުވަސްވީ މީހުންގެ ހަނދާންތައް އެކުރުމަށްޓަކަައި ވާންޖެހޭ ތައްޔާރީތައް މިހާރު ފުރިހަމަކުރަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މި މަސައްކަތަށް ބޭނުންވާ އިލްމުތައް ރާއްޖެއަށް ގެނައުމާއި އެ އިލްމުތައް ދިވެހި ބަހަށް ގެނައުމުގެ މަސައްކަތް ކަމުގައެވެ.
ދެވަނަ މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ޔުނިފޯމް ފްރޭމްވޯކުތަކެއް އެކުލަވައިލުމުގެ މަސައްކަތެވެ. އެއީ ދިވެހިންގެ އެއްޗެއް އެއީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ އޮނިގަނޑުތައް އެކުލަވައިލުމެވެ.
"އެއީ ދިވެހިންގެ އެއްޗެއް އެއީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅޭނެ ގޮތްތަކެއް ހޯދައި، އެކަމަށް ބޭނުންވާ ލިޔުންތައް އެކުލަވައިލުމުގެ މަސައްކަތް. ވަރަށް މުހިއްމު ދެ މަސައްކަތެއް މިއީ ދިވެހިރާއްޖެ ރެކޯޑުކުރަން. ދިވެހިންގެ ތެރޭގައި ހުރި ހުނަރުތަކާއި ސިފަތައް އޭގެ ރީތި މޮޅު ގޮތްތަައް ދެނެގަތުމަށް ކުރެވޭ ވަރަަށް މުހިއްމު މަސައްކަތެއް މިއީ،" ނަސީރު ވިދާޅުވިއެވެ.
ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މުރާދަކީ ވަކި އިލްމީ ހަމަތަކެއްގެ މަތިން ވަކި ކަހަލަ ހަނދާންތަކެއް ހޯދައި ރައްކާކުރުން ކަމަށެވެ. މުޅި ރާއްޖެއިން ކޮންމެ ރަަށަަކުން ދިހަ ވަރަކަށް މީހުންގެ ހަނދާންތައް ރެކޯޑުކުރެވުނަސް ވަކި ދުވަސްވަރެއްގަައި ރާއްޖެ އޮތް ގޮތާއި ދިވެހި ކާބަފައިން އެކި ކަންކަމުގައި ހިފަހައްޓަމުންއައި ގޮތްތައް ދެނެގަނެވި، ގެއްލިގެން ގޮސްފަައިވާ ރީތި ސިފަތައް އިއާދަކުރުމަށް އެހީއަކަށްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.