ENGLISH

05 ޖުލައި 2025

Advertisement

ބާނާ ކަޅުބިލަމަހުގެ 90 އިންސައްތަ ބަންދުކުރެވޭ މިންވަރަށް ވަސީލަތް އިތުރުކުރެވޭނެ: ޝިޔާމް

09 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: އަވަސް

މަސްވެރިން ބާނާ މަސް ގަތުމަށްފަހު އެ މަސް ބަންދުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ނިމޭއިރު މސްވެރިން ބާނާ ކަޅުބިލަމަހުގެ 90 އިންސައްތަ ބަންދުކޮށް އަގުއިތުރުކޮށްގެން ބޭރުކުރެވޭ މިންވަރަށް މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަސްވެރިން ބާނާ ކަޅުބިލަމަހަށް ހަމައަގު ހޯދުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބާނާ މަހުގެ ބޮޑު ބައެއް ރޯ މަހުގެ ގޮތުގައި ބޭރުކުރަން މަޖުބޫރުވެފައި އޮތުމެވެ. އެއީ މަސްވެރިން ބާނާ މަސް ބަންދުކުރެވޭނެ ވަސީލަތްތައް އެކަަށީގެންވާ މިންވަރަށް ފާއިތުވި 40 އަހަރު ތެރޭ ތަރައްގީކުރެވިފައި ނެތުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އެގޮތުން މަސްވެރިން ބާނާ ކަޅުބިލަމަހުގެ 87 އިންސައްތަ ބޭރުކުރަމުން އަންނަނީ ރޯ މަހުގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަޅުގައި އަދި ޕައުޗުގައި ވިޔަސް ޕްރޮސެސްކޮށްގެން ބޭރުކުރެވޭ މަސް އިތުރުކޮށްގެން ނޫނީ މަހަށް ރަނގަޅު އަގެއް ބައިނަލްއަގުވާމީ ބާޒާރުން ނުހޯދޭނެ ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. 

"ޕްރޮސެސްކުރެވޭލެއް ވަރަށް މަދު. އެއީ ޕްރޮސެސްކުރާނެ ވަސީލަތްތައް މަދުވީމާ. އެއީ ދަޅުގައިވިޔަސް ޕައުޗުގައިވިޔަސް ޕްރޮސެސްކޮށްގެން ބޭރުކުރެވުނީމަ ހަގީގަތުގައި ދިވެހިރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބޭނީ ބޭރުގެ ބާޒާރުތަކުން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ޕްރޮސެސިން ފެސިލިޓީތަކަށް އިންވެސްޓުނުކުރެވި ގާތްގަނޑަކަށް 40 އަހަރު ވެގެން މިދަނީ،" ޝިޔާމު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮސެސިން ފެސިލިޓީތައް އިތުރުކޮށް ރާއްޖެއިން ބޭރުކުރާ މަހުގެ ތެރެއިން އަގުއިތުރުކޮށްގެން ބޭރުކުރާ މަހުގެ ނިސްބަތް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ. އަދި ރާއްޖޭގައި މަސް ބަންދުކުރާ އިތުރު ކާރުޚާނާތަކެއްގެ މަސައްކަތް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމުގައި ޝިޔާމު ފާހަގަކުރެއްވިއެވެ. 

އެ މަސައްކަތުގެ ތެރެއިން ފެލިވަރުގައި ހުރި ކޭނަރީން 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ މިންވަރަށް ގާބިލުކަން އިތުރުކުރުމާއެކު، ފ.ނިލަންދޫއާއި ގދ.ފިޔޯރީގައި އައު ދެ ކޭނަރީ ނުވަތަ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާތައް ގާއިމުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅިވިއެވެ. 

"އަޅުގަނޑުމެންނަށް މި ކޭނަރީތަކުގެ މަސައްކަތް ނިމުނީމާ ދިވެހިރާއްޖޭގައި މަސް ޕްރޮސެސްކޮށްގެން ބޭރުކުރާ މިންވަރު އެތައް ގުނައެއް އިތުރުވެގެންދާނެ. އަޅުގަނޑުމެން މިބަލަނީ ގާތްގަނޑަކަށް 90 އިންސައްތައަށްވުރެ ބޮޑު މިންވަރެއް އެއިރުން އަޅުގަނޑުމެންނަށް ޕްރޮސެސްކުރެވޭނެ،" ޝިޔާމު ވިދާޅުވިއެވެ. 

އަގުއެއްކުރެވިގެން މަސް ބޭރުކުރާ މިންވަރު އިތުރުކުރުމުން މަސްވެރިން ބާނާ މަހަށް ލިބޭ އަގުވެސް މިހާރަށްވުރެ ބޮޑު ތަނުން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ސަރުކާރުން އަންނަނީ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކުރުމާއެކު ތާޒާކަމާއެކު މަސް ރައްކާކުރެވޭނެ މިންވަރުވެސް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކާއެކު ކަޅުބިލަމަހުގެ މަސްވެރިކަން ތަރައްގީކުރުމަށް އިތުރު ކުރިއެރުން ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު