ENGLISH

05 ޖުލައި 2025

Advertisement

އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

09 ޖޫން 2025

|

އިސްމާއީލް ރާތިއު

ވަޒީރު އަމީން، ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް

އާންމު ރައްޔިތުން ދުއްވާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ގިނަ އުޅަނދުތަކެއް މިހާރު ދުއްވަމުންދިޔަ ނަމަވެސް މި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

ވަޒީރު މިކަން ފާހަގަކުރައްވާފައި ވާއިރު، ރާއްޖޭގައި މިހާރު އެންމެ ގިނައިން ދުއްވާ އެއްގަމު އުޅަނދުތަކަށްވެސް އެކަށީގެންވާ ރައްކާތެރިކަމެއް ދެވޭނެ ނިޒާމެއް ނޯވެއެވެ. މީގެ އިތުރުން، ކަނޑުދަތުރު ކުރުމަށް ބޭނުންކުރާ ލޯންޗުފަދަ އުޅަނދުތަކުން ވެސް ވައްކަންކުރުން ވަނީ ޢާންމު ކަމަކަށް ވެފައެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް މިފަދަ ޓެކްނޮލޮޖީއެއް ތަޢާރަފު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިކަން ކުރެވިއްޖެ ނަމަ ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުވެ، އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި، ޤަވާއިދުތައް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ލުއިފަސޭހަކަން ލިބެނޭކަމާއި މީގެ އިތުރުން އާންމު ފަރާތެއްގެ އުޅަނދަކަށް ގެއްލުމެއް ދޭން އުޅޭނަމަ އެކަންވެސް އެނގޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޢާންމުންގެ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހުރި ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް "މާލެފަހި" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ފަށާފައި ވެއެވެ.

ސަރުކާރުން މިދިޔަ އަހަރު އާންމުކޮށްފައިވާ ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާއިރު މީގެ ތެރެއިން ގިނައީ ދެފުރޮޅުލީ އުޅަނދުތަކެވެ.  ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެފުރޮޅުލީ އުޅަނދުގެ 70 އިންސައްތަ އުޅަނދަކީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު