ENGLISH
05 ޖުލައި 2025
ޗައިނާގެ އެހީގައި އަޅާ ކައުންސިލް އިދާރާތަކުގެ ފީސިބިލިޓީ ސްޓަޑީއަށް ޗައިނާގެ ވަފުދެއް ރާއްޖެ އަންނަނީ
09 ޖޫން 2025
|
ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ ގޮތުގައި، ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ވަފުދެއް އަންނަ މަހު ރާއްޖެ އަންނާނެއެވެ.
މި މަޝްރޫޢުއަކީ ހާލަތު ދަށްވެފައިވާ ކައުންސިލް އިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތަކެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ ދެ މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢުއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޗައިނާއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށްޓަކައި ޗައިނާގެ ވަފުދެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެއެވެ.
ޗައިނާގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މިއީ ޕްރީ ފެބްރިކޭޓެޑް އިމާރާތްތަކެކެވެ. މި މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ އިތުރުން، އަނެއް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.