ENGLISH
05 ޖުލައި 2025
ސަޢުދީގެ ހައްޖު މިނިސްޓަރ، ރައީސްގެ އަރިހަަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
08 ޖޫން 2025
|
ސަޢުދީ ޢަރަބިއާގެ ހައްޖު އެންޑް ޢުމްރާ މިނިސްޓަރ، ޑރ. ތައުފީގު އަލް ރާބިއާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް، ޚާއްސަކޮށް ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނުއްވައިިދެއްވިކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެކަމުގެ ސަބަބުން ދިވެހި ހައްޖާޖީންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ސަޢުދީ ސަރުކާރުން އިންތިޒާމްތައް ހަމަޖައްސަވައިދެއްވި ފުރިހަމަ ކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ވެސް ބައްދަލުކުރައްވައިފައެވެ. ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އާއި، ރައީސްގެ އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، ސަޢުދީ ޢަރަބިއާގައި ތިއްބަވަނީ، އެ ގައުމުގެ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.