ENGLISH
03 ޖުލައި 2025
އިމާރާތްކުރާއިރު އިންޝުއަރެންސް ނެގުން ލާޒިމުކޮށްފި
08 ޖޫން 2025
|
އިމާރާތްކުރުމުގެ މަސައްކަތްކުރަނީ، ފޮޓޯ: މިހާރު
އިމާރާތްކުރާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތްކުރާ މީހުންނާއި ހިނގައިބިގައިވެ އުޅޭ ފަރާތްތަކަށް ގެއްލުމެއް ލިބޭ ހާލަތުގައި ބަދަލު ދެވޭނެ ގޮތަށް އިންޝުއަރެންސް ނެގުން ލާޒިމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނައި ފަސްވަނަ އިސްލާހުގައި އިންޝުއަރެންސް ނެގުން ލާޒިމުކުރުމާއެކު، އިމާރާތްކުރުމަށް ދޭ ހުއްދަ ނުވަތަ ޕްރޮޖެކްޓު ލައިސެންސަށް އެދި ހުށަހަޅާއިރު އިންޝުއަރެންސް ނަގާފައިވާކަަން އެނގޭނެ ލިޔުމެއް ހުށަހެޅުން ލާޒިމުކޮށްފައިވެއެވެ.
ފާއިތުވި ބުދަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި އިސްލާހުގައި ބުނެފައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު، ވަށައިގެންވާ މާހައުމާއި، މަސައްކަތްކުރާ މީހުންނާއި، ވަށައިގެން ހުންނަ އިމާރާތްތަކާއި ބިނާރުތަކާއި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް އިންޝުއަރެންސް ޕެކޭޖެއް ނެގުމަކީ ލާޒިމު ކަމެކެވެ.
އަދި އެ ގަވާއިދުގައި ބުނެފައިވަނީ އެ އިންޝުއަރެންސް ޕެކޭޖަކީ މަސައްކަތް ހިނގާ ސައިޓު ކައިރީ ހުންނަ އެއްގަމު އުޅަނދުފަހަރަށް ލިބޭ ގެއްލުމަށްވެސް ބަދަލު ދެވޭނެހެން އެކަންކަން ހިމެނޭ ގޮތަށް އޮންނަ މުޅި ޕްރޮޖެކްޓަށް ކަވަރޭޖުދޭ އިންޝުއަރެންސް ކަވަރޭޖެއް ކަމުގައިވާންވާނެ ކަމަށެވެ.
ރާއްޖޭގައި ބައެއްފަހަރު އިމާރާތްކުރާ ސައިޓުތަކުގައި ހިނގާ ހާދިސާތަކުގައި މަސައްކަތްކުރާ މީހުންނަށް އަދި ކައިރިން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި އަނިޔާ ލިބިފައި އެބަހުއްޓެވެ. އަދި އިމާރާތްތަކުން އެއްޗެހި ވެއްޓި ކައިރީ ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ.
އެ އިސްލާހުގެ މައިގަނޑު މަގުސަދެއްކަމަށް ބުނެފައިވަީ އިމާރާތްކުރުމުގެ މަސައްކަތުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން މީހުންނަށާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.