ENGLISH
03 ޖުލައި 2025
ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް ވަޒީރުން ވަޑައިގެންފި؛ ދެއްވީ އިތުރަށް ހިދުމަތް ރަނގަޅުކުރާނެކަމުގެ ޔަގީންކަން
08 ޖޫން 2025
|
ވަޒީރުންނާއި ހައްޖުވެރިންނަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވި ފަރަތްތައް
ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިން ތިބި ފޭލިގެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވަޒީރުންގެ ޓީމެއް ވަޑައިގެން ޙައްޖުވެރިންގެ ޙާލު ބައްލަވައިފިއެވެ.
ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ވަޑައިގެންނެވި ޓީމުގައި މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ބޭފުޅުންވަނީ މިވަގުތު މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކާ ބައްދަލުކުރައްވައި ޙައްޖުވެރިންގެ ޙާލު ކައިރިން ބައްލަވައި، އެ ބޭފުޅުންގެ ފަރާތުން ޙައްޖުގެ ކަންކަން މި އަހަރު ކުރިއަށްދިޔަ ގޮތާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ޒިޔާރަތަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، މި އަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރު ކަމަށެވެ. އަދި ޙައްޖުވެރިންވެސް މި އަހަރު ފޯރުކޮށްދިން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރި ކަމުގައި ޝަހީމު ވިދާޅުވިއެވެ.
އިތުރަށް ޝަހީމު ވިދާާޅުވީ މި އަހަރު ފޯރުކޮށްދިން ހިދުމަތްތަކާމެދު ހައްޖުވެރިން ޖުމްލަ ގޮތެއްގައި ހިތްހަމަޖެހިފައި ތިބި ނަމަވެސް ރަނގަޅުކުރެވިދާނެ ބައެއް ކަންކަން ޙަައްޖުވެރިން ފާހަގަކުރި ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮންޓްރޯލްގެތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން،" ޙައްޖުގެ ވަރަށް ގިނަ ކަންކަމަކީ ސަޢުދީ ސަރުކާރުގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުން ހިނގާަ ކަންކަން ކަމުގައި ފާހަގަކުރައްވަމުން ޝަހީމު ވިދާޅުވިއެވެ.
ޝަަހީމު ފާހަގަކުރެއްވި ގޮތުގައި މި އަހަރު ޙައްޖުގައި ލިބުނު އެންމެ ބޮޑު އުފަލަކީ އެއްވެސް ޙައްޖުވެރިޔަކު ނުގެއްލި ޙައްޖުގެ އަޅުކަންކުރެވުމާއި، ޙައްޖުގެ ތެރޭގައި ކުރަންޖެހޭ ދަތުރުތަކުގައި ކުރިން ދިމާވި އެއްވެސް ތުރާލެއް މިފަހަރު ކުރިމަތިނުވުމެވެ.
މި އަހަރު ޙައްޖުގެ ހިދުމަތުގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ޢަރަފާތު ބިމުގައި ތިބުމުގެ ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއް ދިވެހި ޙައްޖުވެރިންނަށް ގެއްލިފައި ނެތުމެވެ. މީގެ ކުރިން ބައެއްފަހަރު ދިވެހި ބައެއް ޙައްޖުވެރިންނަށް ޢަރަފާަތަށް ދެވިފައި ހުރީ ލަހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހައްޖުގެ އެންމެ ބޮޑު ރުކުނަކީ އަރަފާތު. އެހެންވީމަ އަރަފާތުގައި އެންމެ ވަގުތެއްވެސް ގެއްލިގެން ނުގޮސް ހެނދުނު ހެނދުނާގޮސް އިރުއޮއްސެންދެން އަރަފާތުގައި ތިބުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރު ހައްޖާޖީންނަށް ހޯދައިދީފައި،" ވަޒީރު ވިދާޅުވިއެވެ.
މި އަހަރު ޙައްޖުވެރިންނަށް ގިނަ ލުއިތަކެއްވަނީ ހަމަޖެހިފައެވެ. އެގޮތުން ސައުދީ ސަރުކާރުގެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުގެ ސަބަބުން ދަތުރުގައި ގިނަ ފަސޭހަތަކެއް ލިބުނެވެ. އަދި މިނާއާއި މުޒްދަލިފާއާއި އަރަފާތުގައި ހައްޖުވެރިން ތިބޭ ފޭލިގެތަކަށްވެސް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެވިފައިވެއެވެ.