ENGLISH
03 ޖުލައި 2025
ގްލޯބަލް ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
08 ޖޫން 2025
|
ކޮލަމްބޯގައި ބޭއްވި "ގްލޯބަލް ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން" ގެ ނަމުގައި ބޭއްވި ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޗައިނާ މީޑިއާ ގްރޫޕްގެ ސިންހަޅަ ސާވިސް އިން އިންތިޒާމްކުރި މި ހަރަކާތުގައި ސިޔާސީ، ވިޔަފާރި، މީޑިއާ، އަދި އެކަޑެމިކް މަންދޫބުން ބައިވެރިވިއެވެ.
މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކްސްގެ ސީނިއަރ ލެކްޗަރަރ އަލްފާޟިލާ ނަޝީދާ ރަޝީދެވެ.
ޤައުމީ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކްސްގެ ސީނިއަރ ލެކްޗަރަރ އަލްފާޟިލާ ނަޝީދާ ރަޝީދް
ނަޝީދާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި އިޤްތިޞާދުތަކަށް ކުރާ އަސަރުތައް ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ރެޒިލިއަންސް އިތުރުކުރުމަށް ވިޔަފާރީގެ ތަފާތުކަމާއި، ޑިޖިޓަލް އަދި ފެހި ދާއިރާތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އޭޝިއާގެ އަވަށްޓެރި ޤައުމުތަކުގެ އެކްސްޕޯޓްގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައްވެސް ފާހަގަކުރެއްވިއެވެ.
ފޯރަމްގައި ބައިވެރިވި އެހެން ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާން ހިމެނުނެވެ. މި ޤައުމުތަކުގެ މަންދޫބުން ވެސް އެ ޤައުމުތަކުގެ އިޤްތިޞާދީ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރިއެވެ.
ފޯރަމްގެ ނިންމުމުގައި، ބައިވެރިން އެއްބަސްވީ ސަރަޙައްދީ އިޤްތިޞާދީ އެއްބާރުލުން އިތުރުކޮށް، ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފައިގެން އިޤްތިޞާދީ ދަތިތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމަށެވެ. އަދި މިފަދަ ފޯރަމްތައް އަހަރަކު އެއްފަހަރު ބޭއްވުމަށްވެސް ހުށަހެޅުނެވެ.