ENGLISH
08 ޖޫން 2025
ރަސްގެފާނުގެ މެހެމާނުންނާ، ވަލީ ޢަހުދު ބައްދަލުކުރެއްވުން؛ އެންމެ އަރިހުގައި ރައީސް
07 ޖޫން 2025
|
ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަށް ވަޑައިގެންނެވި އެމަނިކުފާނުގެ މެހެމާނުންނާ އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން މިއަދު ބައްދަލުކުރެއްވިއިރު އެންމެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިންދަވައިފިއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް ސަޢުދީ ރަސްގެފާނު އެކި ޤައުމުތަކުގެ ވެރިންނާއި، އިސްލާމީ ޝަޚުޞިއްޔަތުތަކަށް ދަޢުވަތު ދެއްވައެވެ. އަދި އެމަނިކުފާނުގެ ދަޢުވަތުގައި ޙަޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ އެންމެހައި ކަންކަމެއް ހަަމަޖައްސައިދެނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
މި ބައްދަލުވުމުގައި ސައުދީ ރަސްގެފާނުގެ ދައުވަތަށް ހައްޖަށް ވަޑައިގެން ތިއްބެވި ދައުލަތްތަކުގެ އެންމެ އިސްވެރިންނާއި އެހެނިހެން މެހެމާނުންނާއި، ސައުދީ ސަރުކާރުގެ އެކި އިދރާތަކުން ދިން ދައުވަތުތަކަށް ހައްޖަށް ވަޑައިގެން ތިއްބެވި ސަރުކާރުތަކުގެ ވަފުދުތަކުގެ ވެރިންނާއި ހައްޖާ ގުޅޭ އިދާރާތަކުގެ ވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢުދީ ސަރުކާރުން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ވެސް، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.