ENGLISH

08 ޖޫން 2025

Advertisement

ބޮޑު ދުވަހެއް؛ އަހަރެއް ތެރޭ އެންމެ އަވަަހަށް އެއް މިލިއަން ޓޫރިސްޓުން ހަމަވުމުގެ ރެކޯޑު

07 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މި އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުމުގެ ތެރެއިން، ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިއަދު މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުމާއެކު މި އަހަރަކީ ތާރީހުގައި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރު ކަމުގައި ވެއްޖެއެވެ. 

ރާއްޖެއަށް މި އަހަރު އައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަކީ އިންޑިޔާގެ ފަތުރުވެރިއެއް ކަމުގައިވާ ކާޖަލް ސިންގްއެވެ. އޭނާއަކީ ހަނީމޫން ހޭދަކުރުމަށް މަލަހިނި ކުޑަބަޑޮސް ރިސޯޓަށް އައި ފަތުރުވެރިއެކެވެ. މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ޒިޔާރަތެވެ. 

މިއަދު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީއެލް ގުޅިގެން ކާޖަލްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ކޔާފައިވެއެވެ. މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމާއި، އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ ބައިވެރިވެވަޑައިގަތެވެ. 

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ތާރިގު ވިދާޅުވީ އަހަރުގެ މިހާ ކުރީ ކޮޅުގައި އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމުގައެވެ. އަދި އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ފުރިހަމަ މެހެމާންދާރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގަނެފައިވާކަމުގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. 

މިކާމިޔާބުގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވަމުން އެ ހުރިހާ މަސައްކަތްތެރިންނަށް މިނިސްޓަރުވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. 

އެމްޑީ ޝިއުރީގެ ވާހަކަފުޅުގައި އޭނާ ވިދާޅުވެފައިވަނީ، މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުވާނެ ކަމުގެ މައްޗަށް މިހައި އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަމަވުން ދަލީލުކުރާ ކަމަށެވެ. 

އަދި މިއީ އެމްއެމްޕީއާރްސީއާއި ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިން ގުޅިގެން ކުރަމުންދާ މަސަައްކަތުން ނެރެވޭ ނަތީޖާކަން ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ދައުވަތަކަށް އެއް މިލިއަންވަނަ ފަތުރުވެރިޔާ ކާޖަލްވަނީ ހުޅުމާލޭގައި ގަހެއް އިންދާފައެވެ. އެއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން އިންދި ގަހެކެވެ. 

ކިޔުންތެރިންގެ ހިޔާލު