ENGLISH

07 ޖޫން 2025

Advertisement

ހޯމައިން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

07 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މާލެއަށް ވާރޭވެހުނު ދުވަހެއް، ފޮޓޯ: އެމްއެމްޓީވީ

އަންނަ ހޯމަދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި މި ދުވަސްވަރަކީ ރާއްޖެއަަށް ހުޅަަނގު މޫސުމުގެ ކޮޅިގަނޑު ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އެހެންކަަމުން އަންނަ ހޯމަދުވަހުން ފެށިގެން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހޯމައިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވައިބާރުވެ، ކަނޑުތައް ގަދެވެ، ވިއްސާރަކުރާނެ ކަމުގައި އެ އިދާރާއިން ލަފާކުރެއެވެ. 

އެ އޮފީހުން ލަފާކުރާ ގޮތުގައި އެ ދުވަސްތަކުގައި އާއްމުގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން އަންދާޒާކުރެއެވެ. 

މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

މޫސުން ގޯސްވާަނެ ކަމުގައި ބެލެވޭތީ ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. އަދި ބޯ ވިއްސާރައާއި އުދައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. 

މޭ މަހުގައި މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނުއިރު ގިނަ އަހަރުތަކުގައި ހުޅަނގު މޫސުމުގެ ކޮޅިގަނޑު އެންމެ ބޮޑަށް ލައްވައިލަނީ ޖޫން މަހާއި ޖުލައި މަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު