ENGLISH

07 ޖޫން 2025

Advertisement

ރާއްޖޭގެ ތާއީދާއެކު އައިއެލްއޯގެ އޮބްޒާވާ ސްޓެޓަސް ފަލަސްޠީނަށް ދީފި

07 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ޑރ.ހައިދަރު ފަލަސްތީނުގެ މަންދޫބާ ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ތާއީދާއެކު ފަލަސްޠީނަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)އިން އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ފަލަސްޠީނަށް ދިނުމަށް ނިންމައިފިއެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތައް އެކުލަވައިލުމުގެ މަސައްކަތްކުރުމަށް 1919 ވަނަ އަހަރު އުފެދުނު އައިއެލްއޯއަކީ މިހާރު އދ.ގެ ބައެކެވެ. އެއީ އދގެ އެކި އިދާރާތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އިދާރާއެވެ. 

އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގެ ނަމުގައި އައިއެލްއޯގެ ބޮޑު ބައްދަލުވުމެއް އަންނަނީ ބާއްވަމުންނެވެ. 113 ވަނަ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ.އަލީ ހައިދަރު އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަލީ ނަޒީރާއި އެ ވުޒާރާގެ ބައެއް ވެރިންނެވެ.

އައިއެލްއޯގައި ދައުލަތްތަކުގެ އިތުރަށް، ޤައުމުތަކުގެ ވިޔަފާރިތަކާއި މަސައްކަތްތެރިން ތަމްސީލުކުރާ މަދަނީ ޖަމްއިއްޔާތަކާއި ޔޫނިއަންތައް ބައިވެރިވެއެވެ. 

ފަލަސްޠީނަށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ދިނުމާމެދު ގޮތެއް ނިންމުމަށް އިއްޔެ ނެގި ވޯޓުގައި 386 ވޯޓުން އެ ދަރަޖަ ފަލަސްޠީނަށް ދިނުމަށް ނިންމާފައިވެއެވެ. މި ނިންމުމަކީ ފަލަސްޠީނުގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ލިބުނު ބާރެކެވެ. 

ދިވެހި ސަރުކާރުން ބުނެފައިވަނީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ފަލަސްތީނު މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅުގައި ދިވެހިރާއްޖެއަށް ބައިވެރިވުވަމަކީ ލިބުނު ފަހުރެއް ކަމަށެވެ. 

މި ނިންމުމަށްފަހު ޑރ.ހައިދަރުވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި ފަލަސްޠީނުގެ ވަފުދާ ބައްދަލުކުރައްވައި މަރުހަބާ ދެންނެވުމާއެކު، ފަލަސްޠީނު ރައްޔިތުންނަށް ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެ އަބަދުވެސް ފަލަސްޠީނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

އައިއެލްއޯ ކޮންފަރެންސްގައި އިސްރާއީލުގެ ވަޒީރު ވާހަކަދައްކަވަން ފެއްޓެވުމުން ޑރ.ހައިދަރާއި ދިވެހި ވަފުދުވަނީ އިހުތިޖާޖުކުރެއްވުމުގެ ގޮތުން މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު