ENGLISH
05 ސެޕްޓެމްބަރު 2025
ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ
05 ޖޫން 2025
|
މެޗުގައި ލަނޑުޖެހުމަށް ފަހު ސިންގަޕޫރުގެ ފޯވާޑް، އިހްސާން ފާންޑީ އުފާ ފާޅުކުރަނީ. --ފޮޓޯ: ސްޓްރެއިޓް ޓައިމްސް
ސިންގަޕޫރުގައި އެ ޓީމާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 3-1 އިން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.
މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އެންމެ ގޯލެއް ޖަހާފައިވާ ސިންގަޕޫރަށް މުހިއްމު މޮޅެކެވެ. އަދި، މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު ޓިމޯ ލެސްޓޭ އަތުން 3-0 އިންނެވެ.
މި މެޗަށް ނުކުތްއިރު ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހައިޝަމް ހަސަން ހިމެނި ނަމަވެސް، ވޯމްއަޕްގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި މެޗު ފެށީ އަހުމަދު އައިހަމް އެވެ. ސިންގަޕޫރުން މި މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޝަވާލް އަނުއާރް ނުލައެވެ.
ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިނީ އަމީރުލް އަދްލީ އެވެ.
އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އިހްސާން ފާންޑީ ވަނީ ސިންގަޕޫރަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މި މެޗުގައި ސިންގަޕޫރުން ޖެހި ތިންވަނަ ލަނޑު، 32 ވަނަ މިނެޓުގައި ސޮންގ އުއި-ޔަންގް ގެ ހިލޭޖެހުމެއްގެ އެހީގައި ކާމިޔާބުކޮށްދިނީ ވެސް އިހްސާން ފާންޑީ އެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ރާއްޖެ އަށް ލަނޑެއް ޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން ވެސް ސިންގަޕޫރުން ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އެންމެ ރަނގަޅު އެއް ފުރުޞަތުގައި މެޗުގެ 61 ވަނަ މިނެޓުގައި ސޮންގ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ރާއްޖެ އަށް ސުން ކަނޑުވާލައިދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފޯވާޑް، އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ ޕެނަލްޓީ އޭރިޔާތެރެއިން ރާއްޖޭގެ ހަސަން ނަޒީމް (ޗޯޓު) އަށް ސިންގަޕޫރުގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ރިޒޭ ކާމިޔާބުކުރި ގޯލެކެވެ.
ރާއްޖެ އަށް ދެން އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 10 ވާ އަންގާރަ ދުވަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާ ގައެވެ.