ENGLISH

06 ޖޫން 2025

Advertisement

ޙައްޖު ދުވަހުގެ ޣަނީމާ: ޚުޠުބަތުލް ވަދާޢުން މިއަދަށް ލިބިދޭ ފިލާވަޅުތައް

05 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ޙައްޖުވެރިން ދުޢާކުރަނީ، ފޮޓޯ: ގޫގްލް

ޙައްޖުގެ ޙުކުމްތަކާއި މަނާސިކުތަކަކީ މާތް ނަބިއްޔާ صلى الله عليه وسلم މި އުންމަތަށް އުނގަންނަވައިދެއްވި އެންމެ ފަހު ފިލާާވަޅުތަކާއި ދަރުސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޙައްޖުގެ އަޅުކަން ފަރުޟުކުރެއްވުނީ ހިޖުރައިން ނުވަވަނަ އަހަރުއެވެ. އެއީ މިފަނާވަނިވި ދުނިޔެއާ އެކަލޭގެފާނު ވަކިވެވަޑައިގެން ސުވަރުގެ ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. 

ޙައްޖުގެ ޝަޢާއިރުގެ ތެރެއިން އެކަލޭގެފާނު ޢަރަފާތުގައި ދެއްވި ޚުޠުބާއަކީ ރަސޫލެއް އެކަލޭގެފާނުގެ އުންމަތާ ބައްދަލުކުރައްވައި އެންމެ ފަހު ވަސިއްޔަތް އިއްވެވުމާއި އަލްވަދާއު ވިދާޅުވުމުގެ ޚުޠުބާއެކެވެ. އެއީ އެކަލޭގެފާނު އެބައިމީހުންނަށް ގެނެސްދެއްވި ރިސާލަތުގެ އަސާސީ މަގުސަދުތަކާއި ހުކުމްތައް ބަޔާންކޮށްދެއްވި ތަޤުރީރެކެވެ. އަދި އެކަލޭގެފާނުގެ އުންމަތާއި މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވުން އިއުލާނުކުރެއްވި ޚުޠުބާއެއްވެސްމެއެވެ. 

އެކަލޭގެފާނުގެ ވަށައިގެން އެ މާތް ފަސްގަނޑުގައި ތިއްބެވީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއެއްސެވުމުގެ ނިހާއީ ޝައުޤުގައެވެ. ވާހަކަފުޅު ފައްޓަވަމުން ޙަދީސްކުރެއްވިއެވެ. ( أيها الناس اسمعوا قولي فإني لا أدري لعلي لا ألقاكم بعد عامي هذا ) މާނައީ: އޭ މީސްތަކުންނޭވެ. މި އަހަރަށްފަހު ތިޔަބައިމީހުންނާ (މިގޮތަށް) ބައްދަލުވެވަޑައިގަންނަވާނެ ކަމުގައި ތިމަންކަލޭގެފާނަށް ހީފުޅުނުކުރެއްވޭތީ ތިމަންކަލޭގެފާނުގެ ބަސްފުޅު ކަނުލައި އަޑުއަހާށެވެ. ރަސޫލާ صلى الله عليه وسلم ގެ މި ބަސްފުޅާއެކު މުޅި ދުނިޔެއަށް ހިމޭންކަން ވެރިވި ފަދައެވެ. މުޅި ކާއިނާތުގެ އޭގެ ހާލާއި މަގާލުގައި އެކަލޭގެފާނުގެ ބަސްފުޅު އަޑުއެހުމަށް ހަނުއޮތް ފަދައެވެ.  

އެއަށްފަހު އެކަލޭގެފާނުގެ އުންމަތަށް އިއްވެވީ އެ އުންމަތުގެ އުޅުމާއި ގުޅުންތައް އެ އަސާސްތަކެއްގެ މަތީގައި ބިނާކުރަންޖެހޭ އަސާސްތަކެވެ. ދާއިމަށް އެ އުންމަތުގެ ހުރިހާ ކަމެއްގައި ހިފަހައްޓަންވީ ހަރުދަނާ އުސޫލުތަކެވެ. 

އެއިން ބައެއް އަސާސްތަކަށް ބަލާއިރު އަންނަނިވި ކަންކަމަކީ މިއަދު މި އުންމަތުގެ ހާލަތު ހުރި ގޮތުން އަލުން ހަނދާންކުރަންޖެހިފައިވާ، އެ އަސާސްތަކަށް އަމަލުކުރަން އަލުން ދަސްކުރަންވެފައިވާ ކަންކަމެވެ. 

މުސްލިމުންގެ މެދުގައި އޮންނަ ގުޅުންތަކުގައި ލޭގެ ހުރުމަތަށް ރައްކާތެރިވުމަށާއި، މުސްލިމުންގެ މުދަލަށް ނުހައްގުން އަރައިނުގަތުމަށް ވަސިއްޔަތްކުރައްވަމުން މާތް ނަބިއްޔާ صلى الله عليه وسلم ހަދީސްކުރެއްވިއެވެ. ( أيها الناس، إن دماءكم وأموالكم عليكم حرام إلى أن تلقوا ربكم، كحرمة يومكم هذا، وحرمة شهركم هذا..) މާނައީ: އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ލެއާއި ތިޔަބައިމީހުންގެ މުދާ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއާ ބައްދަލުވެއްޖައުމަށް ދާންދެން ހުރުމަތްތެރިވެ ހަރާމްވެގެންވެއެވެ. އެއީ މި ދުވަހުގެ ހުރުމަތްތެރިކަން ފަދައިން އަދި މި މައްސަރުގެ ހުރުމަތްތެރިކަން ފަދައިންނެވެ. 

މި ބަސްފުޅުގައި އެވަނީ މުސްލިމުން އެކަކު އަނެކަކަށް ޖިސްމާނީ ގޮތުން އަނިޔާވެރިވުމާއި އެއް ބަޔަކު އަނެއް ބައެއްގެ މުދަލަށް އަރައިގަތުން ހަރާމްވެގެންވާކަން ބަޔާންކުރައްވައި އެއީ ކިހައި ބޮޑު ނުބައިކަމެއްކަން ސާފުކޮށްދެއްވާފައެވެ. މިއަދު އުންމަތުގެ ހާލަތަށް ބަލައިލުމުން މި ބަސްފުޅު މަތިން ހަނދާން ނެތިފައިވާކަން ސާފެވެ. އެއްބަޔަކު އަނެއް ބަޔަކު ގަތުލުކުރަނީ ރަހުމެއް ނެތިއެވެ. މުދާ ފޭރި ވައްކަންކޮށް އޮޅުވާލައިގެން ހިޔާނާތްތެރިވެގެން އެހެން މީހުންގެ ފައިސާ އަތުލަނީ ބިރެއް ނެތިއެވެ. 

މި އުންމަތުގެ ފަރުދުންގެ މެދުގައި އޮންނަންވީ ގުޅުމާއި އެ ގުޅުމުގެ އަސާސް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނު ހަދީސްކުރެއްވިއެވެ.  ( تعلَمُنَّ أن كل مسلم أخ للمسلم، وأن المسلمين أخوة، فلا يحل لامرئ من أخيه إلا ما أعطاه عن طيب منه، فلا تظلمن أنفسكم..) . މާނައީ: ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއްކަމާއި، އަދި މުސްލިމުންނަކީ އަޚުންތަކެއްކަމާއި، މީހަކަށް އޭނާގެ އަޚާގެ ރުހުމުގައި ދީފި އެއްޗެއް މެނުވީ ޙަލާލުނުވާނެކަން ތިޔަބައިމީހުން ދަންނަހުށިކަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވާށެވެ. 

މުސްލިމުންގެ މެދުގައި މިއަދު އޮންނަންވީ އުޚުއްވަތްތެރި ގުޅުން އެބައޮތް ހެއްޔެވެ. މަޛުހަބީ ތަފާތުތަކާއި ސިޔާސީ ދެބަސްވުންތައް އިސްލާމްކަމުގެ ގުޅުމަށްވުރެ އިސްކުރެވި އެ ކަންކަމުގެ ސަބަބުން އުންމަތް ބައިބަައިވެ، ނަފުރަތާއި ރުޅިވެރިކަން މުސްލިމުންގެ މެދަށް ވެރިވެފައި އޮތީ ދީނީ އުފާތަކުގެ ތެރެއިންވެސް މުސްލިމުން އެއްގަލަށް ނޭރޭ މިންވަރަށެވެ. ބޮޑެތި އަނިޔާ ތަހައްމަލުކުރަމުންދާ ނިކަމެތި މުސްލިމުންނަށް ފައިސާއާއި ބާރު ލިބިފައިވާ މުސްލިމުންގެ އަޅައިލުމެއް މަދަދެއް ނެތެވެ. އުޚުއްވަތްތެރިކަމަކީ ދުލުކޮޅުގައި އޮންނަ ލަފްޒަކަށްވެ ނިމިއްޖެއެވެ. 

ދެން އޮތީވެސް އެފަދަ މުހިއްމު އެއް ވަސިއްޔަތެވެ.  ( واستوصوا بالنساء خيرًا ) މާނައީ: ތިޔަބައިމީހުންގެ އަންހެނުންނާމެދު ހެޔޮކޮށް އަމަލުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމެވެ. 

އިސްލާމީ އުންމަތުގެ ހާލަތަށް ބަލާއިރު ގެވެށި އަނިޔާ ތަހައްމަލުކުރާ އަންހެނުންގެ އަދަދު އިންތިހާއަށް ގިނަވެއްޖެއެވެ. އަންހެންދަރިންނާމެދު އިހުމާލުވެ އެކުދިންނަށް ލިބެންޖެހޭ އެތައް ހައްގަކުން އުނިކުރާ މައްސަލަ އިންތިހާއަށް އިތުރުވެއްޖެއެވެ. މުރުއްވަތްތެރިކަން ނެތިގޮސް މަގުމައްޗާއި އެނޫންވެސް ތަންތަނުން އަންހެނުންނާ ފޮށިއުޅުން އެހައިމެ އާއްމުވެއްޖެއެވެ. މިއިން ކޮންމެކަމަކީ ނަބަވީ މަތިވެރި ވަސިއްޔަތާ ޚިލާފު ކަންކަމެވެ. 

ދެން އޮތީ މިއުންމަތުގެ ބާއްޖަވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައި އޮތް އުސޫލެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ.  ( وقد تركت فيكم ما لن تضلوا بعده إن اعتصمتم به: كتاب الله ) މާނައީ: ތިޔަބައިމީހުން އެ އެއްޗެއްގައި ހިފަހައްޓައިފިނަމަ  ތިޔަބައިމީހުން މަގުފުރެދިގެންނުދާނެ އެއްޗެއް ތިޔަބައިމީހުންގެ މެދުގައި ތިމަންކަލޭގެފާނު ދޫކުރެއްވީމެވެ. އެއީ މާތްﷲގެ ފޮތެވެ. 

ކީރިތި ޤުރުއާނަކީ މުސްލިމުންގެ ފަރުދީ ދިރިއުޅުމާއި ޖަމާއީ ހަޔާތުގެ އާރުކާޓީއެވެ. ނަމަަވެސް އެ ފޮތުގައި ހިފަހެއްޓުމަކީ ޤުރުއާން ހިތުދަސްކުރުމާއި، ކިޔެވުމެއް ނޫނެވެ. އެއީވެސް މުހިއްމު ކަންކަމެވެ. ނަމަވެސް އެފޮތާމެދު ފިކުރު ހިންގުމާއި، އެ ފޮތުގައި އެކުލެވޭ ފުން މާނަތަކާމެދު ވިސްނުމާއި، އެ ފޮތުން ކިޔައިދޭ ބުނެދޭ އަހުލާގީ އަމަލީ ފިލާވަޅުތަކުގައި ހިފަހެއްޓުމަކީ އެ ފޮތުގައި ހަގީގީ މާނާގައި ހިފަހެއްޓުމެވެ. 

ޤުރުއާނަކީ އަޚުލާޤީ ދުސްތޫރެކެވެ. އެއީ ޖަމާއީ ގުޅުންތައް އިންތިޒާމުކޮށްދޭ މަގުޗާޓެކެވެ. ނަމަވެސް އެއީ ޤުރުއާނުގެ މާނަތައް ދެނެގަތުމަށް މަސައްކަތްކޮށްގެން ނޫނީ ހާސިލުނުވާނެ މާނަތަކެކެވެ. ޤުރުއާނަށް އަމަލުކުރުމާ ދުރުވެ، ފަރުދީ އަދި ޖަމާއީ ދިރިއުޅުމުގެ އަސާސްތައް އެހެނިހެން ފުރެއްދަ މަސްދަރުތަކުން ހޯދައިގަތުމަށް އުޅުމުން މުސްލިމުންނަށް ލިބޭނީ ނިކަމެތިކަމެވެ. ކުރިމަތިވާނީ މަގުފުރެދުމެވެ. 

މިފަދަ މަތިވެރި ދުވަހެއްގައި ރޯދައާއި އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭއިރު، މި ދުވަހާ ގުޅިފައިވާ އެންމެ އަގުހުރި އެއް ޒިކުރާކަމަށްވާ ޙައްޖަތުލް ވަދާޢުގެ މިމަތިވެރި ނަބަވީ މީރާސް ނުވަތަަ ތަރިކައަށް ވިސްނައި ފިކުރުކުރުން މުހިއްމެވެ. އެއީ ކުރާ އަޅުކަމާއި، އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުން ގުޅުވައިލުމަށްޓަކައެވެ. ނަބަވީ ވަސިއްޔަތްތަކަކީ ދިރިއުޅުމުގެ ރާސްތާއަށް އަލިކުރާ ވޮށްތަކެއް ކަމުގައިވާތީއެވެ. 

ކިޔުންތެރިންގެ ހިޔާލު