ENGLISH
05 ޖޫން 2026
"އޭސީސީ މެންސް ޗެލެންޖަރ ކަޕް 2026" މުބާރާތަށް ޤައުމީ ކްރިކެޓް ޓީމު ސިންގަޕޫރަށް
05 ޖޫން 2026
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އެންމެ މަޤްބޫލު
އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބާއްވާ "އޭސީސީ މެންސް ޗެލެންޖަރ ކަޕް 2026" މުބާރާތުގައި ވާދަކުރުމަށް ޤައުމީ ކްރިކެޓް ޓީމު ސިންގަޕޫރަށް ފުރައިފިއެވެ.
މި މަހުގެ 8 އިން 22 ގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ 50 އޯވަރުގެ އެއްދުވަހުގެ ކްރިކެޓް މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސިންގާ އޯވަލް އަދި އެސްއެންސީޖީ އޯވަލް ގައެވެ.
ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ދުވަހުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުމުގެ ކުރިން، ރާއްޖޭގެ ޤައުމީ ފިރިހެން ކްރިކެޓް ޓީމަށް ހޮވުނު ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހީމް އާމިރާއި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިޞަލް ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނަށް ޖާޒީ ހަވާލުކޮށްދެއްވާފައެވެ.
މުބާރާތުގައި ވާދަކުރުމަށް ތައްޔާރީތައް ފަށައި ރާއްޖޭގެ ފިރިހެން ކްރިކެޓް ޓީމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ކޯޗު، އިސްމާޢީލް ނިހާދު އެވެ. މެނޭޖަރުގެ ގޮތުގައި އަޙްމަދު ނީޝާމް ނާޞިރު ހަމަޖައްސާފައިވާއިރު، ޓީމުގެ ފިޒިއޯއަކީ އިސްމާޢީލް ޝަހީދު އެވެ.
އޭސީސީ މެންސް ޗެލެންޖަރ ކަޕް ގައި ރާއްޖެ ހިމެނުނީ ހޯސްޓުން ކަމަށްވާ، ސިންގަޕޫރު އަދި މިޔަންމާ އާއެކު ގްރޫޕް ބީ ގައެވެ. ގްރޫޕް އޭ ގައި ހިމެނެނީ؛ މެލޭޝިއާ، ޗައިނާ އާއި މޮންގޯލިއާ އެވެ. މުބާރާތުގެ ގްރޫޕް ސީ ގައި ހިމެނެނީ؛ ތައިލެންޑް، ބޫޓާން އާއި ތަޖިކިސްތާނެވެ. އަދި ގްރޫޕް ޑީ ގައި އޮތީ ކެމްބޯޑިއާ އާއި އިންޑޮނޭޝިއާ އަދި އުޒްބެކިސްތާނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް އޭސީސީ މެންސް ޕްރިމިއަރ ކަޕުން ފުރުޞަތު ލިބޭނެއެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ސިންގަޕޫރާ އެވެ. މި މެޗު އޮންނާނީ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު ރާއްޖެގަޑިން 06:30 ގައެވެ.