ENGLISH

05 ޖޫން 2026

Advertisement

"'ދަ ޕަލްސް" ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް: އަމާޒު، މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް

05 ޖޫން 2026

|

އަޙުމަދު ޙަމީދު

"ދަ ޕަލްސް"ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ފެށުން --

މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، "ދަ ޕަލްސް"ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފައްޓަވައިފިއެވެ.

ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ޙިއްޞާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު މެންދުރުފަހު ވަނީ ހިއްސާ ކުރައްވާފަ އެވެ.

"ދަ ޕަލްސް" ގެ ފުރަތަމަ އެޕިސޯޑް އިފްތިތާޙުކުރެވުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި މި އެޕިސޯޑް ޚާއްޞަކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫޢަށެވެ. ޕޮޑްކާސްޓް ފަރުމާކުރައްވާފައިވަނީ، ކޮންމެ އެޕިސޯޑެއްވެސް އެއް މައުޟޫޢަކަށް ޚާއްޞަވާ ގޮތަށެވެ. މި މޭރުމުން، ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިން ފާޅުކުރެއްވި ބައެއް ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރެއްވި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި އަދިވެސް ދަތިތައް ކުރިމަތިވުމާއި، ބިން ހިއްކުން ފަދަ މަޝްރޫޢުތަކުގެ ސަބަބުން ސިނާޢީ ގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހުން ފަދަކަންކަން ހިމެނެއެވެ.

މިކަންކަމަށް ރިޢާޔަތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ނާޒުކު ފައްތަރެއްގައި އޮތް ޤައުމެއް ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ ގޮތް ހުސްވެފައި އޮތުމުގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕްނަގާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންކަމުގައި ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމުގައެވެ. މި މޭރުމުން އެމަނިކުފާނުވަނީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި، ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، 5 މިލިއަން ގަސް ޕްރޮގްރާމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާ، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާ، އެކަމަށް ހިތްވަރުދެއްވިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުޙައްމަދެވެ. މިފަހަރުގެ މައުޟޫޢުގައި ނޫސްވެރިޔާ ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމާއި، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، "ދަ ޕަލްސް"އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު