ENGLISH

06 ޖޫން 2025

Advertisement

1446 ވަނަ އަހަރުގެ ޢަރަފާތު ޚަޠީބު، ޑރ. ޞާލިޙު ބިން ޙުމައިދު

04 ޖޫން 2025

|

އިސްމާއީލް ރާތިއު

ޑރ. ޞާލިޙު ބިން ޙުމައިދު-- ފޮޓޯ: އިންސައިޑް ދަ ޙަރަމައިން

ސަޢުދީ ރޯޔަލް ކޯޓުން، މި އަހަރުގެ ޢަރަފާތު ދުވަހު މަސްޖިދުއް ނަމިރާގައި ޚުޠުބާ ދެއްވާނެ ޚަޠީބު އިޢުލާނު ކުރީ މެއި މަހުގެ 25 ވަނަ ދުވަހެވެ. އެގޮތުން މި އަހަރުގެ ޚަޠީބަކަށް ޢައްޔަނުކޮށްފައިވަނީ، މަސްޖިދުލް ޙަރާމްގެ އިމާމް، ޚަޠީބު އަދި އެދުރު، ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބިން ޢަބްދުﷲ ބިން މުޙައްމަދު ބިން ޙުމައިދު އެވެ.

ޑރ. ޞާލިޙު އުފަންވެވަޑައިގަތީ 1950 ވަނަ އަހަރު، ސަޢޫދީ ޢަރަބިއްޔާގެ ބުރައިދާ ސިޓީގެ ޤާސިމް ޕްރޮވިންސްގައެވެ. ދުކްތޫރްގެ ޘާނަވީ ތަޢުލީމުގެ އިތުރުން، ބެޗްލަރޒް ޑިގްރީން ފެށިގެން ޕީއެޗްޑީ އާ ހަމައަށްވެސް ކިޔަވާވިދާޅުވީ، މައްކާއިންނެވެ. އެގޮތުން އުންމުލް ޤުރާ ޔުނިވަރސިޓީގެ ކޮލްޖް އޮޕް ޝަރީޢާއިން 1975 ވަނަ އަހަރު ބެޗްލަރޒް ޑިގްރީ ފުރިހަމަ ކުރައްވާ، ހަމަ އެ ޔުނިވަރސިޓީން މާސްޓަރޒް އަދި ފިޤުހާއި އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީވެސް ފުރިހަމަ ކުރެއްވިއެވެ.

ޖާމިޢާ އުންމުލް ޤުރާގައި ކިޔަވާވިދާޅުވުމުގެ އިތުރަށް، އެތަނުގައި އެތައް މަޤާމެއްވެސް ޑރ. ޞާލިޙު ފުރުއްވިއެވެ. އެގޮތުން އެ މަނިކުފާނުގެ ބެޗްލަރޒް ފުރިހަމަކުރެއްވުމުން އެސިސްޓަންޓު ލެކްޗަރަރ އެއްގެ މަޤާމަށް ޢައްޔަން ކުރެވުނެވެ. އަދި އެއަށްފަހު ލެކްޗަރަރ އަކަށް، އަދި އެސިސްޓަންޓު ޕްރޮފެސަރ އެއްގެ މަޤާމުވެސް ޖާމިޢާ އުންމުލް ޤުރާގައި، ދުކްތޫރު ފުރުއްވިއެވެ. އަދި އެމުއްދަތުގެ ތެރޭގައި އެތައް ދަރިވަރެއްގެ ތީސީސް ފުރިހަމަ ކުރުމަށް އެހީތެރިވެވަޑައިގަތެވެ. އެއަށްފަހު، ޖާމިޢާގެ އިސްލާމިކް އިކޮނޮމީ ޑިޕާޓްމަންޓުގެ ޗެއަރމަންގެ މަޤާމާއި ޑީންގެ މަޤާމުވެސް ފުރުއްވިއެވެ. އަދި އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒްގެ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައި ވެއެވެ.

ޑރ. ޞާލިޙު، މަސްޖިދުލް ޙަރާމްގައި އިމާމްވެވަޑައިގެން ފުރަތަމަ ފަހަރަށް ނަމާދު ކުރައްވާފައި ވަނީ 1403 ހ (1982 މ) ގައެވެ. އަދި ޖެހިގެން އައި އަހަރު ރަސްމީކޮށް ޙަރަމްފުޅުގެ އިމާމް ކަމަށް ޢައްޔަން ކުރެވުނެވެ. އެއަށްފަހު 1993 ވަނަ އަހަރު، ދެ ޙަރަމްފުޅުގެ ރިޔާސަތުގެ ޑެޕިއުޓީ ޗެއަރ ގެ މަޤާމަށް ޢައްޔަން ކުރެވުނެވެ. އަދި ހަމަ އެ އަހަރު، ޝޫރާ ކައުންސިލުގެ މެންބަރުކަމަށް ޢައްޔަނު ކުރެވި، 2001 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު އެ ކައުންސިލުގެ ރައީސްގެ މަޤާމު ފުރުއްވިއެވެ. އަދި އެއަށްފަހު 2008 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު ސަޢުދީގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުގެ ޗެއަރމަންގެ މަޤާމު ފުރުއްވިއެވެ.

އެމަނިކުފާނު ވަނީ އުފާވެރި ޢާއިލާއަކާއި ދެމަފިރިންގެ މެދުގައި އުފެދޭ ދެބަސްވުންތައް ފަދަ މުހިންމު މައުޟޫޢުތަކަށް އެތައް ފޮތެއް ލިޔުއްވާފައެވެ. އަދި މި ފޮތްތައް އެކި ބަސްތަކަށް ތަރުޖަމާކޮށްފައިވެސް ވެއެވެ.

މި އަހަރުގެ ޢަރަފާތު ޚުޠުބާ، އިނގިރޭސި، އުރުދޫ އަދި ފާރިސީބަސް ހިމެނޭހެން 20 ބަހަކަށް ތަރުޖަމާކުރެވިގެންދާނެ ކަމަށް، ސަޢުދީ ސަރުކާރުން އިޢުލާނު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު