ENGLISH
05 ޖޫން 2025
ނިއުކްލިޔަރ އެއްބަސްވުމެއްގައި ޔުރޭނިއަމް މުއްސަނދިކުރަން އީރާނަށް ފުރުޞަތެއް ނުދެވޭނެ: ޓްރަމްޕް
03 ޖޫން 2025
|
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ އެކު ވެވޭ އެއްބަސްވުމެއްގައި، ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުޞަތެއް ނުދެވޭނެކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އަލުން އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ފެށި މަޝްވަރާތަކުގައި މިހާތަނަށް ފަސް ބުރެއްގެ މަތިން ބައްދަލުވުންތައް ބޭއްވުނަސް، އެ މަޝްވަރާތަކުން އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އޭގެ މައިގަނޑު ސަބަބަކީ، ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްޤު ދޫކޮށްލަން އީރާނުން ބޭނުންނުވުމެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ޔުރޭނިއަމް މުއްސަނދި ކުރަނީ ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން ނޫން ކަމަށާއި، އެކަން ކުރަނީ މަދަނީ ބޭނުމެއްގައި ކަމަށެވެ.
ނަމަވެސް، ޓްރަމްޕް މިއަދު ވެސް ތަކުރާރުކުރެއްވި ގޮތުގައި، އެމެރިކާއާއެކު ހަދާ އެއްބަސްވުމެއްގައި އީރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އަދި ކުރީގެ ރައީސް ޖޯ ބައިޑެން ސަރުކާރުން މިކަމަށް ޒިންމާ ނަގަންޖެހޭނެ ކަމަށާއި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އޭރު ހުއްޓުވެންޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤްޗީ ވިދާޅުވި ގޮތުގައި، އެހެން ޤައުމުތަކެކޭ އެއްފަދައިން، މަދަނީ ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ އީރާނަށް ވެސް ލިބިފައިވާ ޙައްޤެކެވެ. އެހެންކަމުން، އެކަމުގައި އީރާނުން ދޫނުދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން މިހާރު ވެސް 60 އިންސައްތަ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރަމުންދާއިރު، ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައިގެ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އައިއޭއީއޭއިން ލަފާކުރާ ގޮތުގައި އީރާނުގެ އަތުގައި މިހާރު ހުރި ޔުރޭނިއަމް އިތުރަށް މުއްސަނދި ކޮށްފި ނަމަ އެ ޤައުމަށް ހަ ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެއެވެ.