ENGLISH
06 ޖޫން 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އައު ސުކޫލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
05 ޖޫން 2025
|
ހުޅުމާލޭ ދެވަނަ ފިޔަވަހި، ފޮޓޯ: ސަން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ އައު ސުކޫލުން ޖާގަ ހޯދުމަށް އެދޭ ފަރަތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ކިޔަވައިދޭނެ ކަމަށެވެ. އަދި އެ ސުކޫލުން ޖާގަ ބޭނުންވާ ފަރާތްތަކަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މި ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި އެ ސްކޫލުގައި 1،500 ދަރިވަރުންގެ ޖާގަ ހުންނައިރު، 54 ކްލާސްރޫމެއް ހުންނާނެއެވެ. މިނިސްޓްރީން ނިންމާފައިވަނީ ޖާގައަށް އެދޭ ދަރިވަރުން ގިނަވެއްޖެނަމަ ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށް އެ ކުއްޖަކު ދިރިއުޅޭ ތަނަކާ ކައިރިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށެވެ.
މިނިސްޓްރީން ފާހަގަަކުރި ގޮތުގައި އެ ސްކޫލަކީ އެއާކޮންޑިޝަން ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ ސްކޫލެކެވެ.
ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާތީ އެ ތާރީހުގެ ކުރިން ހުރިހާ އެންމެންވެސް ފޯމު ފުރައި ހުށަހެޅުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވެފައިވަނީ މި ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެންބަރު މަހަށް ނިންމައި، އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން އެ ސްކޫލުގައި ކިޔަވައިދެވޭނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިހާރު އެންމެ ހަލުއިކޮށް އާބާދީ އިތުރުވަމުން އަންނަ ސަރަހައްދަށްވާއިރު، ފާއިތުވި ދައުރުގައި އެ ސަރަހައްދުގައި ސްކޫލާއި ހޮސްޕިޓާ ފަދަ އަސާސީ ހިދުމަތްތަައް ގާއިމުކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައިނުވާތީ އެތަނުގައި އުޅޭ ގިނަ ރައްޔިތުން އަންނަނީ ތައުލީމާއި ސިއްހީ ފަރުވާ ފަދަ އަސާސީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.