ENGLISH
06 ޖޫން 2025
އީރާނާ އެކު 12 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި
05 ޖޫން 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.
އީރާނު ހިމެނޭ ގޮތަށް ތަފާތު 12 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެނުވެވޭ ޤަރާރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޮއިކުރައްވައިފިއެވެ.
ވައިޓް ހައުސްއިން ބުނީ، ޓްރަމްޕް މިއަދު ސޮއިކުރެއްވި ޤަރާރުގެ ދަށުން، އަފްޣާނިސްތާނު، ޗާޑް، ކޮންގޯ، އިކުއަޓޯރިއަލް ގިނީ، އެރީޓްރިޔާ، ހައިޓީ، އީރާނު، ލީބިޔާ، މިޔަންމާ، ސޯމާލިޔާ، ސޫދާނު އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެނުވެވޭނެ ކަމަށެވެ.
އަދި އިތުރު ހަތް ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުމުގައި މިހާރު އޮންނަ މަރުޙަލާތައް ވަނީ ހަރުކަށިކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ބުރުންޑީ، ކިޔުބާ، ލާއޯސް، ސިއޭރާ ލިޔޯން، ޓޯގޯ، ތުރުކްމަނިސްތާނު އަދި ވެނެޒުއޭލާއެވެ.
މި ނިންމުން ނިންމާފައިވަނީ އެމެރިކާ އާއި އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މިގޮތުން، މިދިޔަ ހަފްތާގައި އެމެރިކާގެ ކޮލޮރާޑޯގައި ޔަހޫދީންތަކަކަށް އަމާޒުކޮށްދިން ޙަމަލާއިން، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކިބައިން ކުރިމަތިވެފައިވާ ނުރައްކާ އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ވެސް މުސްލިމް ބައެއް ޤައުމުތަކަށް އަމާޒުކޮށް، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވެއެވެ. ނަމަވެސް، އެ ނިންމުން ނަސްލީ ތަފާތުކުރުމުގެ ދަރަޖަ ދިނުމަށްފަހު، އެމެރިކާގެ އެންމެ މަތީ ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު، ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ވަނީ އެމެރިކާގައި ދިރިއުޅޭ ބިދޭސީންނާ ދެކޮޅަށް ވަރުގަދަ މަސައްކަތެއް ފައްޓަވައިފައެވެ.
މިގޮތުން، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވައިލުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެމެރިކާގެ ޔުނިވަރސިޓީތަކަށް ބޭރުގެ ދަރިވަރުން ވެއްދުމާއި ކިޔެވުމަށް ވެސް ހުރަސްއަޅަން އެ ޔުނިވަރސިޓީތަކާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.