ENGLISH

25 މާރިޗު 2026

Advertisement

ބޭންކުން ފައިދާ އިތުރުކުރީ އަގުބޮޑުނުކޮށް ވިޔަފާރި ފުޅާކޮށްގެން: ސީއީއޯ

25 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު، ފޮޓޯ: ބީއެމްއެލް

ފާއިތުވި އަހަރު ގައުމީ ބޭންކުން ރެކޯޑު މިންވަރެއްގެ ފައިދާއެއް ހޯދީ ކުންފުނީގެ ހިދުމަތްތަކުގެ އަގުބޮޑުނުކޮށް، ވިޔަފާރި ފުޅާކޮށްގެންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވި ގޮތުގައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، އެ ކުންފުނިން ދޫކުރި ލޯނުތަކުގެ އަދަދު ފާއިތުވި އަހަރު ވަރަށް ބޮޑަށް އިތުރުކޮށްފައިވެއެވެ. އެގޮތުން ނިމުނު އަހަރު މުޅިން އަލަށް ދޫކުރި ލޯނުތަކުގެ އަދަދު ދިހަ ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވެއެވެ. 

"މިއީ ބެންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރު. އެއާ އެކީގައި އަޅުގަނޑުމެންގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފާއިވޭ. އެއީ ކުރީ އަހަރާއި އަޅައިބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް،" ސީއީއޯ ވިދާޅުވިއެވެ. 

އަދި ކުންފުނިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ބޭންކުން ހާސިލުކޮށްފައިވާކަން ސީއީއޯ ފާހަަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯނު ފައިސާ ނުދައްކާ މިންވަރު އެއް އިންސައްތައިން ނިމުނު އަހަރު ދަށްކުރެވި، •ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ %48.1 ގައި ހިފަހެއްޓުނެވެ. އެއީ ގާނޫނުން އެ ރޭޝިއޯ ހިފަހެއްޓުން ލާޒިމުކުރާ މިންވަރަށްވުރެ ހަތަރު ގުނަ އިތުރު މިންވަރެކެވެ. 

ފާއިތުވި އަހަރު ބޭންކަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ގުޅުނުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުެފައިވަނީ ނިމުނު އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްގެ ހިދުމަތް ހޯދަން ފެށި ކަމަށެވެ. އަދި ނިމުނު އަހަރު ކަސްޓަމަރުން ބޭންކުގައި ފައިސާ ޑިޕޮސިޓުކުރި މިންވަރު 16 އިންސައްތަ އިތުރުވެ، މިހާރު ބޭންކުގައި ހުރި ޑިޕޮސިޓުތަކުގެ އަދަދު 37.2 ބިލިއަން ޑޮލަރަށް އަރާކަމަށް ވިދާޅުވިއެވެ. 

ވިޔަފާރި ފުޅާކުރުމަށް ކުރެވުނު މަސައްކަތްްތަކުގެ ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ 2024 ވަނަ އަހަރުގެ ފައިދާއަށްވުރ ދިހަ އިންސައްތަ އިތުރު އަދަދެކެވެ. 

"ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފަ. އަޅުގަނޑުމެން މި ހިންގަނީ ހަމައެކަނި މާލީ ފައިދާ ހޯދާ ބޭންކެއް ނޫން. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް.،" މިހާރު ބޭންކުގެ މިސްރާބު ހުރި ގޮތް ތަފުސީލުކޮށްދެއްވަމުން ސީއީއޯ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު