ENGLISH
06 ޖޫން 2025
އަވައްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ
05 ޖޫން 2025
|
ޗިކުންގުންޔާ ފެތުރެނީ މަދިރީގެ ޒަރީއާއިން، ފޮޓޯ: ގޫގުލް
އަވައްޓެރި ބައެއް ގައުމުތަކުގައި ވަރަށް ބޮޑަށް ޗިކުންގުންޔާ ފެތުރެމުންދާތީ ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.
އެޗްޕީއޭއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަކި ގައުމެއްގެ ނަން ހާމަނުކޮށް އެ އިދާރާއިން ބުނެފައިވަނީ އަވައްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން އެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފައިވެއެވެ.
އަވައްޓެރި ގައުމުތަކުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އަވައްޓެރި އިންޑިޔާއާއި ލަންކާގެ ބައެއް ސަރަހައްދުތަކުގައި ހަލުއިކަމާއެކު ޗިކުންގުންޔާ އަންނަނީ ފެތުރެމުންނެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ފެތުރޭ ގައުމުތަކަށް ދަތުރުކުރާއިރު އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އެގޮތުން މަދިރި ހިފެމުން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިކޮށްދޭ ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށައި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމަށާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި ގޭ ތެރޭގައި މަދިރި ބޭނުންކުރުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރުތައް ބަންދުކޮށް މަދިރިއަށް ނުވަދެވޭހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.
ޗިކުންގުންޔާ ފެތުރެނީ އެއީ ޑެންގޫ ފަތުރާ އީޑީސް މަދިރި އާއި އޭޝިއަން ޓައިގަ މަދިރިންނެވެ. ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށްފަހު، އެހެން މީހެއްގެ ގައިން ލޭ ބުއިމުން އެ މީހަކަށް ޗިކުންގުންޔާ ޖެހެއެވެ.
ޗިކުންގުންޔާއަކީ ހުން އައުމާއެކު ހުޅުތަކުގައި ރިއްސައި ބައެއް ފަހަރު ހުޅުތައް ދުޅަވާ ބައްޔެކެވެ. ބައެއްފަހަރު ވަރަށް ދިގުކޮށް އެ ބަލީގެ އަސަރުތައް ދިގުލައިގެންދެއެވެ.