ENGLISH
06 ޖޫން 2025
ދިވެހި ހުރިހާ ޙައްޖުވެރިން ޢަރަފާތު ބިމަށް ވާސިލުވެއްޖެ، އެންމެންގެ ޙާލު ރަނގަޅު
05 ޖޫން 2025
|
ދިވެހި ޙައްޖުވެރިން ޠާއިފަށް އަންނަނީ، ފޮޓޯ: ޙައްޖު މިޝަން
ދިވެހި ހުރިހާ ޙައްޖުވެރިން ރޭ ފަތިސްވުމުގެ ކުރިން ޢަރަފާތު ބިމަށް ވާސިލުވެފައިވާކަމަަށާއި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބުނެފިއެވެ.
ޙައްޖު މިޝަނުން އަންނަނީ ޙައްޖުގެ މަނާސިކުތަކާއި ދިވެހި ޙައްޖުވެރިންގެ ޙާލާ ގުޅޭ އަދާހަމަ މައުލޫމާތު މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން އާއްމުކުރަމުންނެވެ.
ޙައްޖު މިޝަނުން ބުނި ގޮތުގައި ރޭ ޢިޝާ ނަމާދަށްފަހު ދިވެހި ޙައްޖުވެރިން ޢަރަފާތުގެ ބިމަށް ދިއުމުގެ ދަތުރު ފެށިއެވެ. ދިހަ ބަހުގައި ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދަތުރުކުރަން ފެށިއިރު އެންމެ ފަހު ގުރޫޕަށް ޢަރަފާތުގައި ދިވެހި ޓެންޓުތަކާ ހަމައަށް ވާސިލުވެވުނީ މައްކާ ގަޑިން މެންދަމު 3:30 ހާއިރުއެވެ.
މި އަހަރު މިނާގައި ހަމެޖެހިފައިވާ ގޮތަށް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ދިވެހި ޙައްޖުވެރިންނަށް ޠާއިފުގައި ލިބޭނެއެވެ. އެގޮތުން ތިބޭ ފޭލިގެތަކުގެ ފެންވަރު ރަނގަޅުކޮށް ސޯފާ އެނދު ލިބޭނެއެވެ. އެ ފަންގިފިލާތަކުގައި ދިވެހިން ނޫން ބަޔަކު ނުތިބޭނެއެވެ. އަދި ދިވެހިންނަށް ހާއްސަ ފާހާނާވެސް ހުންނާނެއެވެ.
ޙައްޖު މިޝަނުން ބުނި ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅެވެ. އަދި މިއަދުގެ ވަގުތުތައް ޙައްޖުވެރިން ހޭދަކުރާނީ ޢަރަފާތުގައިކަމަށްވެސް އެ މިޝަނުން ބުންޏެވެ.
ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އަޅުކަމަކީ ޢަރަފާތުގައި ތިބުމެވެ. ޙައްޖު މަހުގެ ނުވަަވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ޢަރަފާތުގެ ބިމަަށް ވާސިލުނުވެވޭ މީހަކަށް ޙައްޖުގެ އަޅުކަމެއް ނުލިބޭނެއެވެ.
ޢަރަފާތުގައި ތިބުމަށްފަހު ދެން އޮންނާނީ މުޒްދަލިފާގައި ރޭކުރުމާއި، ބޮޑު ޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި، މިނާގައި ރޭކުރުމަށްފަހު ތިން ޖަމްރާއަށް ހިލައުކުމާއި، ޠަވާފުލް އިފާޟާ ކުރުމާއި، ޞަފާއާއި މަރުވާގެ ދެމެދުގައި ހިނގުމެވެ. އެންމެ ފަހުގެ ކަމެއްގެ ގޮތުން އޮންނާނީ ވަދާޢުގެ ޠަވާފުކުރުމެވެ. އެހިސާބުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔައީ 1،000 ޙައްޖުވެރިންނެވެ. އެންމެންވެސް ގެންދިޔައީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ.