ENGLISH
04 ޖުލައި 2025
އަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000 ފަތުރުވެރިން ޒިޔާރަތްކޮށްފި
29 މޭ 2025
|
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފިއެވެ.
އެ ވުޒާރާއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ބުނެފައިވާގޮތުން 2025 މެއި 28 ވަނަ ދުވަހުގެ ނިޔަލަށް 950،212 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުގެ ރިޕޯޓުން އެނގޭ ގޮތުގައި މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ މިދިޔަ ދެ އަހަރަށްވުރެ މަތިވެފައެވެ. އެގޮތުން، މިއަހަރުގެ މެއި މަހުގެ ފުރަތަމަ 27 ދުވަހު، 119،468 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 107،522 ފަތުރުވެރިންނެވެ. އަދި، 2023 ވަނަ އަހަރު މެއި މަހުގެ ފުރަތަމަ 27 ދުވަހު ޒިޔާރަތްކުރީ 105،776 ފަތުރުވެރިންނެވެ. އެ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މެއި މަހު ފަތުރުވެރިން އައި ނިސްބަތް މިހާރުވެސް ވަނީ 11.1 އިންސައްތަ އުފުލިފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައީ ޗައިނާ އާއި ރަޝިއާގެ ފަތުރުވެރިންނެވެ. އެގޮތުން އެ ދެގައުމުން މިހާރުވެސް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 68 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 23 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ސަފާރީ އުޅަނދުތަކުގައި 5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިއެވެ. . ބާކީ 4 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ޓޫރިސްޓް ހޮޓާތަކުގައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ ގިނަވަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ހަމަވިއެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 2،046،615 ފަތުރުވެރިންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުވެސް 2 މިލިއަން ފަތުރުވެރިން ހަމަކޮށް މިދިޔަ އަހަރުގެ އަމާޒަށް ވުރެ ކުރިއަށް ދިއުމެވެ. އެގޮތުން ފަތުރުވެރިކަން ބައިނަލްއަގްވާމީ މައިދާނުގައި ޕްރޮމޯޓް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.