ENGLISH
04 ޖުލައި 2025
އަމާޒަކީ ވާނުވާ ބަންދުގެ މައްސަލަތަކަށް ވަށައިޖެހޭ ދާއިމީ ހައްލެއް ގެނައުން: ޕީޖީ އޮފީސް
29 މޭ 2025
|
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމާޒަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުންކަމަށް އެ އޮފީހުން ބުނެފިއެވެ.
އެ އިދާރާއިން އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށައިފި ކަމަށެވެ.
އެގޮތުން އިއްޔެވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދީފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، ކޯޓުތަކުގައި ކުރިއަށްދާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށް ގެންދެވޭނެ ކަމަށާ އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފަ އެވެ. އަދި އެކަމަށް ވަކާލާތު ކުރާ މީހުންނާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާ އެ މީހުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް އަޑުއައްސަވާފަ އެވެ.