ENGLISH
04 ޖުލައި 2025
ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ސައުދީއަށް ފުރައިފި
29 މޭ 2025
|
ދިވެހި ހައްޖުވެރިން މިއަދު ހެނދުނު އެއާޕޯޓުގައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާން ދިވެހިރާއްޖޭން ދިއުމަށް ހަމަޖެހިފައިވާ ތިންވަނަ ގްރޫޕުގެ ހައްޖުވެރިން މިއަދު ހެނދުނު ފުރައިފިއެވެ.
ތިންވަނަ ގްރޫޕުގައި 251 ހައްޖުވެރިން ވަނީ ފުރައިފައެވެ. ހައްޖުވެރިން މިއަދު 6:30 ގައި ފުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނީ ފްލައިޓް ޖިއްދާއަށް ޖައްސާނީ ރާއްޖެ ގަޑިން މިއަދު 11:30 ހާއިރު ކަމަށެވެ.
ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް ފުރާނީ މާދަމާ އެވެ. މިއަހަރު ރާއްޖޭން 1000 ހައްޖުވެރީން ދަތުރުކުރާނެއެވެ.
މި އަހަރަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. އެ ގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމުން ގިނަ ލުއިތަކެއް ލިބޭނެ އެވެ. އެގޮތުން، ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭއިރު، ލަގެޖް ވެސް ހޮޓަލުން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންނަށް ސައުދީ ސަރުކާރުން އަންނަނީ، ޖިއްދާ އެއާޕޯޓުން ރަސްމީކޮށް މަރުހަބާ ކިޔަމުންނެވެ.
މީގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއްވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސައުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ.
ދިވެހި ހައްޖުވެރިންނަށް މިއަހަރު ލިބިގެންދިޔަ ލުއިފަސޭހަތަކާއެކު، މިއަހަރަކީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.