ENGLISH
04 ޖުލައި 2025
499 ދިވެހީން ޙައްޖުގެ އަޅުކަމަށް މައްކާގައި، އެންމެންގެ ޙާލު ވެސް ރަނގަޅު
28 މޭ 2025
|
ޙައްޖުގެ އަޅުކަމަށް ފުރުމަށް ވީއައިއޭގައި
މިހާތަނަށް 499 ދިވެހީން ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާ ކަމަށާ އެ އެންމެންގެ ޙާލު ވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ދިވެހީން ޙައްޖުގެ އަޅުކަން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހު 499 ދިވެހީން ޙައްޖުގެ އަޅުކަމަށް މަައްކާއަށް ގޮސްފައިވެ އެވެ.
ވަޒީރު, ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ހުރިހާ ޙައްޖުވެރީންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ. އަދި ރާއްޖޭގެ ޙައްޖު މިޝަނުން ދަނީ ޙައްޖުވެރީންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް މި އަހަރު ކޮށްފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިވެހި ޙައްޖުވެރިންދާ މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ދިވެހި ކޮންމެ ގުރޫޕަކަށް ވެސް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ދަނީ ކިޔަމުންނެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ޙައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ.
މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.
އެގޮތުން މިނާގެ ފެންވަރު ރަނގަޅު ކޮށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެ އެވެ. ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެ އެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.