ENGLISH

04 ޖުލައި 2025

Advertisement

ރާއްޖެޓީވީން އަނެއް ދޮގު، ހުވަހަންދޫ ބަޔަކަށް ދިން ކަމަށް ބުނެ ފެތުރީ ބުހުތާނު ދޮގު

28 މޭ 2025

|

އަޙުމަދު ޙަމީދު

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ

"އަޑި ނޭންގޭ ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ބަޔަކަށް ދީފި" ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރީ ބުހުތާނު ދޮގު ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

އެ ވުޒާރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޭޑީ އެންޓަޕްރައިސަސް ނަމަކަށް ކިޔާާ ކުންފުންޏަކަށް ދަނޑުވެރިކަމަށް ހުވަހަންދޫ ދޫކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަނީ ދޮގު ކަމަށެވެ. އެ ވުޒާރާ އިން ކޭޑީ އެންޓަޕްެރައިސަސްއާއެކު އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށާ އަދި މިހާތަނަށް އެ ވުޒާރާ އުފެދުނު ފަހުން ދަނޑުވެރިކަމަށް އެއްވެސް ރަށެއް ވެސް ދޫނުކުރާ ކަމަށެވެ.

އެ ރަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކަމަށް ބުނެ ޚަބަރުފަތުރާފައިވީނަމަވެސް އާންމު އުސޫލުން އެފަދަ އެއްބަސްވުންތަކުގައި ސޮއި ކުރަނީ މިނިސްޓަރު ނޫން ކަން ވެސް އެ ވުޒާރާ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިފަދަ އެއްވެސް އެއްބަސްވުމެއްގައި ވަޒީރު މާރިޔާ ސޮއިކޮށްފައިނުވާ ކަމުގެ ޔަޤީންކަން ވަނީ ދީފަ އެވެ.

ދޮގު އެ ޚަބަރު ފެތުރިއިރު ޚަބަރުގައި ހިމަނާފައިވާ ފޮޓޯ އަކީ އާންމު އުސޫލުގެ ތެރެއިން މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ދެއްވާ ފުުރުސަތުގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ އެދިވަޑައިގަތުމަކަށް ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލްވުމެއް ގައި ނަގާފައިވާ ފޮޓޯއެއް ކަމަށާ މެންބަރު ލަތީފްއާއެކު ކޭޑީ ކުންފުނީގެ ފަރާތުން ބައިވެރިވެ އެ އަތޮޅުގައި ދަނޑުވެރިކަމުގެ ތަަރައްޤީ ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ގުޅޭ ޚިޔާލު ހުށައެޅި ކަމަށެވެ. އަދި ފޮޓޯގައި ފެންނަ ޑޮކިއުމަންޓްތަކަކީ އެ ކުންފުނިން ކުރަން ބޭނުންވާ މަސައްކަތްތަކުގެ މައްޗަށް އެކުވަލާ ހުށައަޅާފައިވާ ޑޮކިއުމަންޓްތައް ކަމަށް ބުނެފައިވެ އެވެ.

"އެފަދަ ބައްދަލްވުންތަކުގައި އަތޮޅާއި މުޅި ރާއްޖޭގެ ތަރައްޤީއަށް ހުންނަ ޚިޔާލުތައް ދާއިރާގެ މެންބަރުން ޢާންމު އުސޫލުގެ މަތީން ހުށައަޅުއްވަ އެވެ. މެންބަރު ލަތީފްގެ މި ހުށައެޅުއްވުމަކީ ވެސް އެފަދަ ހުށައެޅުއްވުމެއް ކަމަށްވާއިރު މި ހުށައެޅުއްވުމުގައި ހުރި އެއްވެސް ކަމަކާ ގުޅޭގޮތުން މި ވުޒާރާގައި މަޝްވަރާ ކުރެވި ގޮތެއް ނިންމާފައެއް ނުވާނެ އެވެ," ދޮގު ވާހަކަަތަކުގެ ހަޤީޤަތް ހާމަކޮށް ދީ ވުޒާރާ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ހުވަހަންދޫ އަކީ ވަގުތީ ގޮތުން އެ ރަށް ބެލެހެއްޓުން ހއ އަތޮޅު ކައުންސިލާއި ހަވާލުކޮށްފައިވާ ރަށެކެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން ވަނީ އެ ވުޒާރާ އިން ރަށްތައް ކުއްޔަށް ދޫކުރާނީ ވަކި ޤަވާޢިދަކާ އުސޫލެއްގެ މަތީން ކަމުން އެފަދަ ނިންމުމެއް ނިންމާނަމަ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ދީފަ އެވެ.

އަދި އެ ވުޒާރާގެ މަސައްކަތްތައް ބައްޓަން ކޮށްފައިވަނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް މީޑިއާތަކަށް މައުލޫމާތު ހޯދާ ލިބިގަތުމަށް ވެސް ފަސޭހަވާނެ އުސޫލުން ކަމަށްވާތީ ހަޤީޤަތް އޮޅޭގޮތަށް ދޮގު ޚަބަރު ނުފެތުރުމަށް އިލްތިމާސް ކޮށްފަ އެވެ.

"އަޑި ނޭންގޭ ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ބަޔަކަށް ދީފި" ކަމަށް ބުނެ ރާއްޖެ ޓީވީން ދޮގު ޚަބަަރު ފެތުރުއިރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދާއި ގުޅޭގޮތުން ވެސް އެ ޓީވީން ވަނީ ދޮގު ޚަބަރު ފަތުރާފަ އެވެ. އެކަން ނަޝީދުގެ ފަރާތްޕުޅުން ވަނީ ދޮގު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު