ENGLISH

04 ޖުލައި 2025

Advertisement

އެމްޓީސީސީ އިން ތިން ރަށެއްގައި މަޝްރޫޢުތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި

28 މޭ 2025

|

ޢަލީ ޝަހީމް

އެމްޓީސީސީ އިން އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ތިން ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދަން އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ. 

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ އެމްޓީސީސީ އިން މިފަހަރު ޕްރޮޖެކްޓްތައް ކުރިއަށްގެންދާނީ އދ. ހަންޏާމީދޫ، ލ. މާވަށް އަދި ބ. އޭދަފުށީގައެވެ. 

ހަންޏާމީދޫ އާއި މާވަށުގައި އެމްޓީސީސީ އިން ކުރިއަށްގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އޭދަފުށީގައި އެކުންފުނިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތާ ސަރަޙައްދެކެވެ. 

އެމްޓީސީސީގެ ފަރާތުން ތިން އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހެވެ. 

އާބާދީގައި 760 މީހުން ހިމެނޭ ހަންޏާމީދޫގައި ހިންގާ މަޝްރޫޢުގެ ދަށުން، އެރަށު ގޮނޑުދޮށަށް 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14,322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއ،ި 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 46.20 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށެވެ. 

މާވަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓުގައި، 166,400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55,500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުން ހިމެނެއެވެ. އަދި، 7500 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖަހައި، 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެއެވެ. އޭގެއިތުރުން އެރަށުގައި 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. މާވަށުގައި ހިންގާ މަޝްރޫޢު 540 ދުވަސްތެރޭ ނިންމަންޖެހެއެވެ. މަޝްރޫޢުގެ އަގަކީ 89.13 މިލިއަން ރުފިޔާއެވެ. 

މާވަށުގެ އާބާދީގައި 2200 މީހުން ހިމެނޭއިރު އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައެވެ. 

ހަންޏާމީދޫ އާއި މާވަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.

އޭދަފުށީގައި ތަރައްޤީކުރާ ފަތާ ސަރަޙައްދު ހެދުމަށްޓަކައި ފަޅުތެރެއިން 15،914 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރާނެއެވެ. އަދި، 160 މީޓަރުގެ ސަރަޙައްދުގައި ޖިއޯބޭގް ރިވެންޓްމަންޓް ޖަހައި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓާއެކު 70 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އާބާދީގައި 3500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށީ ޕްރޮޖެކްޓުގެ އަދަކީ 4.63 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ހަވާލުކުރީ 150 ދުވަސްތެރޭ ނިންމުމަށެވެ. 

ތިން ރަށުގައި ޕްރޮޖެކްޓްތައް ހިންގަން އެމްޓީސީސީ އިން ސޮއިކުރިއިރު، ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އެކުންފުނިން އަންނަނީ ހިންގަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު