ENGLISH
04 ޖުލައި 2025
ގިނަ ދުވަހެއް ނުވެ ކިއުގައި ނުޖެހި ބާނާ ހުރިހާ މަހެއް ކިރުވާ އެ މަހަށް ފައިސާ ލިބޭނެ ދުވަސް ފެންނާނެ: ޝާޑް
28 މޭ 2025
|
ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް)
ގިނަ ދުވަހެއް ނުވެ ކިއުގައި ނުޖެހި މަސްވެރީން ބާނާ ހުރިހާ މަހެއް ކިރުވާ އެ މަހަށް ފައިސާ ލިބޭނެ ދުވަސް ފެންނާނެ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) މިރޭ ވިދާޅުވެއްޖެ އެވެ.
މެންބަރު ޝާހިދު މިހެން ވިދާޅުވީ މިރޭ ކޮންގްރެެސް ހައުސްގައި އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ހަޤީޤީ މާނާގައި ދިވެހި މަސްވެރީންގެ އަގުވަޒަން ކުރައްވާ މަސްވެރި ކަމުގެ ސިނާޢަތަށް ފުރިހަމަ ގޮތުގައި އަޅާލެއްވި ރައީސަކީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ ގަދައަށް އިވެމުން ދިޔައީ މަސްވެރީންގެ ޝަކުވާގެ އަޑުތައް ކަމަށެވެ. ކަނޑުމައްޗަށް ނިކުމެ ބުރަ މަސައްކަތުން ބާނާ ކިރުވާ މަސްކޮޅަށް ފައިސާ ކޮޅުވެސް ހުރީ ނުދީ ކަމަށް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ މަސްވެރީންނަށް ހައެއްކަ އަށެއްކަ މަސް ދުވަސް ވަންދެން ނުދީ ހުރި ފައިސާ މަސްވެރީންނަށް ދިނުމަށް ކަމަށާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރީންނަށް އެ ފައިސާ ދީފައިވާ ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން މިއަދު 48 ގަޑިއިރުގެ ތެރޭގައި މަސްވެރީން ކިރުވާ މަހަށް ފައިސާ ލިބި އެ މަސްވެރީންގެ އާއިލާތައް އުފަލާ ހިތްހަމަޖެހުމާ އެކު އެ ތިބީ. އެއީ ރައީސްގެ ކުޅަދާނަ އިޤްތިސާދީ ސިޔާސަތު," ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އަދިވެސް މަސްވެެރި ކަމުގެ ސިނާޢަތަށް ހެޔޮ ބަދަލެއް ރައީސް ގެންނަވާނެ ކަމަށެވެ. މަސްވެރީންނަށް އެންމެ އަޅާލައްވާނެ ވެރިއަކީ ރައީސް މުޢިއްޒު ކަމަށާ މިއަދު މަސްކޮޅު ކިރުވޭނެ ގޮތެއް ނެތި ތިބެން ޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި އެ ދުވަސް ދާދި އަވަހަށް ފެންނާނެ ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ އެ ދުވަހަކީ ރައީސް މުޢިއްޒު އާ ދައުރަކަށް ހޮވުމަށް ރައްޔިތުން އަތުކުރި އޮޅާލާނެ ދުވަސް ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ވާދަވެރީން ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަށް އަމާޒުކޮށް ކޮރަޕްޝަންގެ ވާހަކަ, ވާދަވެރީން ދައްކަމުންދާ ކަމަށާ ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަން ދިވެހިރައްޔިތުން ޤަބޫލު ކުރާނެ ކަމަށެވެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އަދި ރައީސް މުޢިއްޒަކީ ކޮރަޕްޝަން ހިންގެވުމަށް ކުޑަވެސް ފުރުސަތެއް ދެއްވާނެ ވެރިއެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު އަައުމާއެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި. ތަޅުލާފައި އޮންނާނީ. ލާހިކެއް ނޫން ހިންގާކަށް. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ކިހިނެތް ދައްކާނީ. ހިންގޭނެ ފުރުސަތެއް ރައީސް ނުދެއްވައޭ އެއްވެސް ވެރިއަކަށް. ކަރަޕްޝަން އޮންނާނީ މަނާކޮށްފައި," ޝާހިދު ވިދާޅުވި އެވެ.