ENGLISH
04 ޖުލައި 2025
އެކްސްޕޯ އަކީ ޖީޑީޕީގެ 15 އިންސައްތަ، ކްރިއޭޓިވް އިކޮނޮމީގެ ފައިދާއަށް ހެދުމަށް ހުޅުވޭ ފުރުސަތެއް: ސައީދު
27 މޭ 2025
|
މައުރަޒުގެ ތެރެއިން ވަޒީރު، އެމްއެމްޓީވީއާ ވާހަކަދައްކަވަނީ. --ފޮޓޯ:އެމްއެމްޓީވީ
ދެހާސް ތިރީސް ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ފައިދާ ކަމަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒަކީ މިކަމަށް ހުޅުވޭ ފުރުސަތެއް ކަމަށް، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ހުންނަވާ އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މައުރަޒުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކްރިއޭޓިވް އިކޮނޮމީގެ ސްޓޯލްތައް ޝޯކޭސް ކުރެވިފައި އެބަހުރި ކަމަށާއި، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ އަކީ މިފަދަ ވިޔަފާރިތަކުން ލިބޭ މަންފާއަށް ހެއްދެވުމަކީ ރައީސް ޑރ. މުޢިއްޒުގެ އަމާޒެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބި ޑިސްޓްރިކްޓް ނުވަތަ އޭރިއާއަކީ، ހޯލްއަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގަ ހަރަކާތްތެރިވާ ވިޔަފާރިތައް ވަރަށް ފުޅާ ދާއިރާއެއްގަ މިތާގަ ޝޯކޭސް ކުރެވިފަހުރި ހޯލެއް މިއީ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑރ. މުޢިއްޒުގެ އަމާޒެއް އެބަ އޮވޭ 2030 ވަނަ އަހަރު އަންނަން ވާއިރު ޖީޑީޕީގެ 15 އިންސަައްތަ ކޮންޓްރިބިއުޓް ކުރަންވާނެޔޭ ކްރިއޭޓިވް އިކޮނޮމީގަ ހަރަކާތްތެރިވާ ވިޔަފާރިތަކުން. އެހެންވީމަ އެ އަމާޒަށް ދިއުމަށްޓަކާ ހުޅުވިގެންދާ ވަރަށް ބޮޑު ފުރުސަތެއް، އަދި ސަރުކާރަށް ވެސް ލިބޭ ވަރަށް ބޮޑު ފުރުސަތެއް. ދެން މިކަން ކުރަންވީ ކިހިނެއްތޯ، ކޮންކަހަލަ އެހީތެރިކަމެއް، ކޮން ބަޔަކަށް، ކިހިނެއް ދީގެންތޯ ޖީޑީޕީގެ ނުވަތަ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އާމްދަނީގެ 15 އިންސައްތަ ކްރިއޭޓިވް އިކޮނޮމީއަށް ހެދޭނީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސް ވަނީ ދެ ރޭ މަތިން ގާތްގަނޑަކަށް ހަގަޑިއިރާ ބައި، މައުރަޒުގައި ހޭދަކުރައްވާ، ހުރިހާ އެގްޒިބިޓަރުންނާ ކަހަލަ ގޮތަކަށް ބައްދަލުކުރައްވާ ވާހަކަދައްކަވާފައި ކަމަށެވެ. އަދި އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރަށް ހެއްދެވުމަށް ރައީސް ބޭނުންފުޅުވާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ އެކަން ހާސިލުކުރުމަށް ބޭނުންވާ ވަރަށް ބައިވަރު މަސައްކަތްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށާއި، އެކަމަށް ކޮންސެޕްޓު އެކުލަވާލާ، ކަރުދާހެއް ތައްޔާރުކުރުމަށް ވުޒާރާއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެހެން އެއްވެސް އިރެއްގައި ކުރިއަށް ނުދާ ވަރަށް، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ވިޔަފާރިއާ ގުޅޭ މަޝްވަރާތއް ކުރިއަށްދާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ ވަކިން ޚާއްޞަކޮށް ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކުދި ވިޔަފާރިތައް ތަމްސީލުކުރާ ބިޒްނަސް ކައުންސިލުގައި ހުއްޓުމެއް ނެތި، ވިޔަފާރީގެ ދާއިރާގެ އެތައް މަޝްވަރާއެއް ކުރިއަށްދާ ކަމަށެވެ.