ENGLISH
03 ޖޫން 2025
ރަޝިޔާ ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް، ޖުމްލަ ފަތުރުވެރިން މިލިއަނަކާ ގާތަށް
27 މޭ 2025
|
ރާއްޖެއަށް އައި ބައެއް ފަތުރުވެރިން، ފޮޓޯ: އަވަސް
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެ ގައުމުކަމަށްވާ ޗައިނާއާއި ރަޝިޔާއިން ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މަތިވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން 111،833 ފަތުރުވެރިންގެ އިއްޔެގެ ނިޔަލަށް އައިސްފައިވެއެވެ. އަދި ރަޝިޔާއިން 102،347 ފަތުރުވެރިން އެ މުއްދަތުގައި ޒިޔާރަތްކުރިއެވެ.
ޗައިނާއާއި ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މިހާރު ލައްކައަކާ ކައިރިކުރެއެވެ. އެގޮތުން އެ ގައުމުން އެ މުއްދަތުގައި އައިސްފައިވަނީ 97،220 ފަތުރުވެރިންނެވެ. ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުކަމަށްވާ އިޓަލީވިލާތުން އައިސްފައިވަނީ 81،151 ފަތުރުވެރިންނެވެ.
އިއްޔެގެ ނިޔަލަށް 946،600 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 875،940 ފަތުރުވެރިންނާ އަޅާބަލާއިރު 8.1 އިންސައްތަ އިތުރު އަދަދެކެވެ.
މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް 115،856 ފަތުރުވެރިން އައިސްފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 103،570 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު 8.1 އިންސައްތަ އިތުރުވެފައިވެއެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 71.4 އިންސައްތަ ނުވަތަ 675،619 ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައިވަނީ 219،441 ފަތުރުވެރިންނެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 23.2 އިންސައްތައެވެ. ހޮޓާތަކަށް އައިސްފައިވަނީ 27،737 ފަތުރުވެރިންނެވެ. އަދި ސަފާރީ އުޅަނދުފަހަރަށް 23،198 ފަތުރުވެރިން އައިސްފައިވެއެވެ.