ENGLISH
04 ޖުލައި 2025
މިއީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ: ރައީސް
27 މޭ 2025
|
މި އަހަރަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި ފަސޭހަ އިންތިޒާމުތައް އެންމެ ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ހައްޖުގެ ދަތުރާއި ހައްޖާ ގުޅުންހުރި އެހެނިހެން ކަންކަން ފަސޭހަކުރުމަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރުމަށް ސައުދީންވަނީ ނިންމާފައެވެ. އެ ނިންމުމާއެކު ކުރިން ހައްޖުގެ ދަތުރުގައި އުފުލަންޖެހުނު ގިނަ ތަކުލީފުތަކެއް މި އަހަރު ހައްޖުވެރިން އުފުލަންނުޖެހޭނެއެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ އިނިޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރު ލިބުނު އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ. އިތުރަށް ފާހަގަކުރެއްވީ ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރިންނަށް ސައުދީ ސަރުކާރުންވަނީ ވަރަށް ހޫނު މަރުހަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައި ކަމަށެވެ.
އަދި އެ އިނިޝިއޭޓިވްގެ ތެރެއިން ހައްޖާޖީންނަށް ލިބުނު ލުއިތަކަށް އަލިއަޅުވައިލައްވަމުން ރައީސް ފާހަގަކުރެއްވީ އެއާޕޯޓުގައި ގިނަ ވަގުތު މަޑުކުރަންނުޖެހުމާއި، ހައްޖުވެރިން އަމިއްލައަށް ފޮށި ތަންމަތި އުފުލަންނުޖެހުން ފަދަ ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަަށެވެ.
އަދި މުޅި ހައްޖު ދަތުރުގައިވެސް ހައްޖުވެރިންނަށް އެފަދަ ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސްވަނީ ހައްޖުވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އަދި މިއީ މިހާތަނަށް ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި އަދި އިންތިޒާމުތައް އެންމެ ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ މި އަހަރަށްވުރެ ކުރިއަށް ހުރި އަހަރުތަކުގައި ހިދުމަތްތައް ރަނގަޅުވެ ކަންކަން ފަހިވުން ކަމަށެވެ.
"ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން.،" ރައީސް ވިދާޅުވިއެވެ.
އަދި ހުރިހާ ހައްޖުވެރިންނަށް ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާއެކު މަބްރޫރު ހައްޖެއް ލިބުން އެދިވަޑައިގެން މާތްﷲގެ ހަޒްރަތުގައި އެމަނިކުފާނު ދުއާކުރެއްވިއެވެ.