ENGLISH

04 ޖުލައި 2025

Advertisement

ރައުދު ބަންދުން ދޫކޮށްލައިފި

27 މޭ 2025

|

ހަސަން އާމިރު

އޭޕްރިލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ރައުދު ދޫކޮށްލީ، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާތީ ކަމަށެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު މިޓާޒް ގޭގެ ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އޮތީ ރައުދު އަށެވެ. ޔުމުނު ވެއްޓުމުގެ ކުރީން އޭނާއާ އެކު އެންމެ ގިނަ ވަގުތު ހޭދަކުރީ ރައުދު އެވެ. އޭނާ ވެއްޓުމުގެ ކުރިން ހ. ފެންޓީނޯގޭގައި ވެސް ޔުމުނުއާ އެކު އުޅުނީ ރައުދު އެވެ.

ރައުދަށް ދައުވާ ކުރުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ރައުދު ބަންދުކުރުމަށް ފަހު އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކުރަމުން ގޮސް އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބަންދުން އޭނާ ދޫކޮށްލި އެވެ. ނަމަވެސް ހަމަ އެ ދުވަހު އަލުން ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންގޮސް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެ ހާދިސާގައި ދެން ހިމެނޭ ޔުމްނުގެ ބަޔާނެއް އަދި ނެގޭ ގޮތެއް ނުވެ އެވެ. ފުލުހުން ބުނީ ޔުމްނުގެ އާއިލާގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން ފުލުހުން މިހާރު ދަނީ ޔުމުނު ފަރުވާ ހޯދަމުންދާ މެލޭޝިޔާގެ ފުލުހުންގެ އެހީތެރިކަމާ އެކު ތަހުޤީޤަށް ބަޔާން ނެގުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު