ENGLISH

04 ޖުލައި 2025

Advertisement

ޖައިޝަންކަރު، މިނިސްޓަރު ޚަލީލްއާ ބައްދަލުކުރައްވައިފި

26 މޭ 2025

|

އަޙުމަދު ޙަމީދު

ޖައިޝަންކަރު، މިނިސްޓަރު ޚަލީލްއާ ބައްދަލުކުރެއްވުން --

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި މިއަދު ބައްދަލު ކުރެއްވިކަން ހާމަކުރައްވާ މިނިސްޓަރު ޚަލީލް ވިދާޅުވީ  މި ބައްދަލްވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެ ގޮތުން ސިޔާސީ ގޮތުންނާއި ތަރައްޤީގެ އެކި ކަންކަމުގައި ދެ ގައުމުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެކެވެ.

މި ގޮތުން، ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައިކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް،ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދު ބޭއްވުނު ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު