ENGLISH

04 ޖުލައި 2025

Advertisement

ދިވެހި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް

26 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔުން -- ފޮޓޯ: އިސްލާމިކް މިނިސްޓަރު

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓްގައި ތިއްބެވި އެވެ.

މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ.

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ޙައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ.

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ. 

އެގޮތުން މިނާގެ ފެންވަރު ރަނގަޅު ކޮށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެ އެވެ. ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެ އެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.

މިއަދު ރާއްޖެއިން ހައްޖަށް ފުރާފައިވަނީ 234 ޙައްޖުވެރިންނެވެ. ޙައްޖުވެރިންގެ ދެވަނަ ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ.

ކިޔުންތެރިންގެ ހިޔާލު