ENGLISH

26 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމާ ބެހޭ ގަވާއިދަށް ބަދަލު ނުގެންނަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

17 ނޮވެމްބަރު 2024

|

އަހުމަދު އަބްދުﷲ

ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: --ރައީސް އޮފީސް

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓަކުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އާ ގަވާއިދަށް ރިސޯޓުތަކުގެ ވެރިން ވެސް ޖެހޭނީ އަމަލުކުރައްވަން ކަމަށާއި އެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޑޮލަރު މާރުކުރަން ބައެއް ރިސޯޓުތަކުގެ ވެރިން ވަނީ ދެކޮޅުހަދައި އެކަން ސަރުކާރަށް އަންގައިފަ އެވެ. 

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ގަވާއިދު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ވިޔަފާރިވެރިން ވެސް ޖެހޭނީ ގާނޫނާއި ގަވާއިދުތަކަށް ތަބާވާން ކަމަށް ހަރުހަޑުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވަންވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާކަމެއް،"

 ރައީސް 

އާ ގަވާއިދާ އެކު ކެޓަގަރީ އޭގެ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީން ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.

ކެޓަގަރީ އޭ ގެ ޓޫރިސްޓް ވިޔަފާރިއަކަށް އެ އަދަދަށް ފައިސާ ނުލިބޭނަމަ މީރާއަށް ހުށަހެޅުމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގަވާއިދުގައި ބުނާ އަދަދަށް ވުރެ ދަށް އަދަދެއް އެ ވިޔަފާރިއަކަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބަޔާންކުރާ މި މާއްދާތަކާ ހިލާފުވާ ވިޔަފާރިތައް 5،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެމްއެމްއޭއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މުހިއްމު ވަޢުދެއް: ކާޑު ލިމިޓު 1400 ޑޮލަރަށް، ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަަރު

ދެހާސް ސައްބީސް ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1،400 އަށް އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1،000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި އެވެ.

މިހާރު ބޭންކް ކާޑު ލިމިޓަކީ ޑެބިޓް ކާޑަކަށް 250 ޑޮލަރު އަދި ކްރެޓިޑް ކާޑަކަށް 750 ޑޮލަރެވެ. ރާއްޖެއިން ބޭރަށް ފުރަންދާ މީހުންނަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބެއެވެ.

ރައީސް މުއިއްޒުގެ ވެރިކަަމަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންގެ ބޮލަކަށް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ގަވާއިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު 2026 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފުރާމީހުންނަށް މިހާރު ލިބޭވަރަށް ވުރެ ބޮޑު އަދަދެއްގެ ޑޮލަރު ބޭންކު ރޭޓުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

"... އެ ހިސާބަށްދާއިރު (2026) އަޅުގަނޑުމެންނަށް އެބަ ފުރުސަތު ލިބޭ މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރު ބޭރަށް ފުރާއިރު ގަތުމުގެ ފުރުސަތު ދޭން"

 ރައީސް މުއިއްޒު 

އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ކްރެޑިޓް ކާޑުގެ ލިމިޓް ވެސް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޖެނުއަރީން ފެށިގެން ގޮސް 2026 ވަނަ އަހަރުގެ ފުރަތަމ ކުއާޓާ ނިމޭ ހިސާބަށްދާއިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1،400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަަންް. "

ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޕްރެޒެންޓޭޝަން ހުށައަޅުއްވަނީ

އަންނަ ރޯދަމަހު ކޮޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް

އަންނަ އަހަރުގެ ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭން ނިންމައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާން ކުރެއްވިއެވެ. 

ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގޭބިސީތަކަށް މަސްދަޅު ކޭސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެސްޓީއޯ އަށް އަންގަވާފައިވާނެ ކަމަށެވެ.

އަންނަ އަހަރު ރޯދަމަހު ގޭބިސީތަކަށް ސަރުކާރުން މަސްދަޅު ކޭސް ދޭން ނިންމާފައިވާއިރު މިދިޔަ ރޯދަ މަހު ކޮންމެ ގެއަކަށް ހަނޑު ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ދީފަ އެވެ.

އިބްރާހީމް މުޙައްމަދު ސޯލިހުގެ އެންމެ ފުރަތަމަ ފޯނުކޯލުގައި ވެސް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވުމަށް އެންމެ ފުރަތަމަ ކުރެއްވި ފޯނު ކޯލުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވުމާއެކު އޭރު ފުއްދެން ހުރި ބައެއް ވައުދުފުޅުތަކައިގެން މަސައްކަތް ފެއްޓެވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅު ކަމަށްވާ، ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ފެއްޓެވިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެ ރޭ، މިދެންނެވީ 30 ސެޕްޓެމްބަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވަން، އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް ގުޅުއްވެވި. ގުޅުއްވާފައި ވާހަކަފުޅު ދެއްކެވި އިރު އެ ފޯން ކޯލުގައި ވެސް އަޅުގަނޑު ފުރަތަމަ ދެންނެވީ ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއަށް ފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް ރައީސް މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އޭރުގެ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އެ ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ވީޑިއޯ ކްލިޕްކޮޅު ވެސް ދައްކާލި އެވެ.

އިންތިހާބަށް ފަހު ރައީސް ސޯލިހާ ފުރަތަމަ ބައްދަލުވި ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ލޯންޗަށް އަރުވައިގެން ފުރި މައުލޫމާތު ލިބިފައިވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެކަން ކޮށްދެއްވީތީ ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ރައީސް ސޯލިހު މިއަދު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީ ރައީސް މުއިއްޒު އެދިވަޑައިގެން ނޫން ކަމަށާއި އިންތިހާބަށް ފަހު އެފަދަ ކަމަކަށް ރައީސް މުއިއްޒު އެދިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފަ އެވެ.

"އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ އިގްތިސާދު ކުރިއެރުވުން"

ސަރުކާރުގެ އެއް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބަނގުރޫޓޫނުވެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެސް މިރޭ އޮތް، ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީ ސަރުކާރުން އިގްތިސާދު މެނޭޖުކުރަމުން އައީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެގޮތުން، 8 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވާއިރު ފަސް އަހަރު ތެރޭގައި ދައުލަތުން ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކާ ހާލަތަށް ވައްޓާލި ކަމަށެވެ.

މީގެ ސަބަބުން މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބުނަމުން އައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލީ އިދާރާތަކުން އެގޮތަށް ލަފާކުރި ނަމަވެސް ސަރުކާރުން މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތް ކުރައްވަމުންދަނީ އިގްތިސާދު ބަނގުރޫޓުނުވެ ކަމަށެވެ.

"ފައިސާ ޗާޕުނުކޮށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރަމުން މިއައީ ބަނގުރޫޓުނުވެ. އޭރުގައި އޮތް ސަރުކާރުން އަޅުގަނޑުމެންގެ ޤައުމުގެ އިގްތިސާދު ހަލާކުކޮށް އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނިންމުން ނޫނީ ކޮށްފައި އޮތް ކަންތައްތަކުން އަރައިގަނެ. އެހެންވީމާ މި ސަރުކާރުގެ މި 52 ހަފުތާގައި އަޅުގަނޑުމެން އެންމެން ގުޅިގެން ރައްޔިތުންނާއެކު ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މިހާލަތުން އަރައިގަތުން،"

 ރައީސުލްޖުމްހޫރިއްޔާ   

މުސާރަ ބޮޑުކުރެއްވުމުގެ ވަޢުދު

މިދިޔަ ސަރުކާރުން ފަށާފައިވާ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް 2026 ވަނަ އަހަރު އެންމެންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ޕޭ ހާމަނައިޒް ކުރުމުގެ ނިޒާމުގެ ތެރެއިން، މި އަންނަ އަހަރު މުސާރަ ބޮޑު ކުރާނަން މިހާރު މުސާރަ ބޮޑުނުވެ ތިބި ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ. ހަމަ އެއާ އެކީގައި ޖުޑީޝަރީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ވެސް މުސާރަ މި އަންނަ އަހަރު ބޮޑުވާނެ،"

 ރައީސް މުއިއްޒު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

އެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ބާނީން މަސައްކަތްކަތް ބިނާކުރައްވާ"

ސިޔާސީ ވެރިންނަށް ފައިދާވާނެ ގޮތަށް މަސައްކަތްނުކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ބާނީންގެ މަސައްކަތް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރެއްވީ ވެސް މިރޭގެ ޖަލްސާގައެވެ. 

ރައީސް ވިދާޅުވީ، ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ގައުމަށް ފައިދާހުރި ގޮތަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ބާނީން، ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރުން ކަމަށެވެ.

"ސިޔާސީ ގޮތުން ގައުމަށް ލޯބި ނުކުރާ، ދިވެހިންގެ ފަޅީގައި، ރައްޔިތުންގެ ފަޅީގައި ނެތް ސިޔާސީ ވެރިން ތިބޭފުޅުންގެ ފައިދާ ނާޖާއިޒް ގޮތުގައި ނެގިޔަ ނުދެއްވާށޭ،"

 ރައީސް މުއިއްޒު

ރައީސް އެހެން ވިދާޅުވެފައިވަނީ ޑޮލަރު މާރުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ބާނީން އެކަމާ ދެކޮޅު ހައްދަވައި، ރައީސްއަށް ސިޓީ ފޮނުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޑޮލަރު މާރުކުރަމުންދާނަމަ، މާރުކުރަން ޖެހޭނީ ޓޫރިޒަމް އިންޑަސްޓްރީއަށް އާންމުކޮށް ވަންނަ އާމްދަނީގެ 15-20 އިންސައްތަ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ ކަޅުބާޒާރާއި ޑޮލަރު ލިބުމަށް ހުރި ހުރަސްތައް ހައްލުވެގެންދާނެ ކަމަށެވެ. 

"ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓް ކުރުމުގަ ބޭންކްތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ވެސް އިތުރުކުރުން. އެކަންތައް އިރާދަކުރެއްވިއްޔާ ޖެނުއަރީއިން ފެށިގެން ޑޮލަރު މާރުކުރުމުގެ ކަންތައް ގަވާއިދާ އެއްގޮތަށް ޓޫރިޒަމް އިންޑަސްޓްރީން ކުރައްވާނަމަ، ޖުލައިން ފެށިގެން އެކަން ކޮށްދޭނަން،"

ރައީސް މުއިއްޒު 

ކިޔުންތެރިންގެ ހިޔާލު